Search Streamline Icon: https://streamlinehq.com

ދިރާސީ އަހަރު ފަށާ ދުވަހަށް ބަދަލުގެނެސްފައިވަނީ ގިނަބައެއްގެ ޚިޔާލާ ދެކޮޅަށް: ތައުލީމާބެހޭ ވަޒީރު

Hiriyaa school

ދިރާސީ އަހަރު ފަށާ ދުވަހަށް ބަދަލުގެނެސްފައިވަނީ ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ ޚިޔާލާ ދެކޮޅަށްކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފަށާ ތާރީޚް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތަޢުލީމާބެހޭ ވަޒީރު ވިދާޅުވީ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރުމަށް 30،000އެއްހާ މީހުންގެ ޚިޔާލު ހޯދާފައިވާކަމުގަ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މަޖިލިސް ތަޅުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަސަން ލަތީފް ސުވާލު ކުރެއްވީ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ކޮށްފާނެ ނުރަނގަޅު އަސަރަކަށް ނުބަލައި މި ސަރުކާރުން އެކަޑަމިކް ކަލަންޑަރު ބަދަލުކޮށް ދިރާސީ އަހަރުގެ ފެށުން ޖެނުއަރީމަހަށް ބަދަލު ކުރީ ކީއްވެތޯ އޮޅުން ފިލުވުމަށެވެ.

ވަޒީރު ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރުމުގައި ސަރުކާރުން ގިނަ ކަންތައްތަކަކަށް ވިސްނާވަޑައިގެންނެވި ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން އެ ބަދަލު ގެނެސްފައި އޮތްގޮތަށްވެސް ބެއްލެވި ކަމަށެވެ. އަދި ދިރާސީ އަހަރު ބަދަލުކުރުމަށް ކުރީ ސަރުކާރުން 30،000 މީހުންގެ ޚިޔާލު ހޯދިކަމަށާއި، ނަމަވެސް އެބަދަލު ގެނެސްފައިވަނީ މީގެތެރެއިން %70 މީހުންގެ ޚިޔާލާ ދެކޮޅަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކިޔެވުން ފަށާ ދުވަސްވަރު އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ދަރިވަރުންނާއި ބެލެނިވެރިން ވެސް ބޭނުންވި ގޮތް ނޫންކަންވެސް ތަޢުލީމާބެހޭ ވަޒީރު ފާހަގަކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *