އެންމެ ދިގު މުއްދަތެއްގައި އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވުމުގެ ޝަރަފު ހާސިލްކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ތާރީޚުގައި އެޤައުމުގައި ވިދިވިދިގެން އެންމެ އެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުކަން ކުރެއްވި ނަރެއްދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ޙިއްސާކުރެއްވި މެސެޖުގައި، ދިވެހިރާއްޖެއާ އިންޑިއާއާއި ދެމެދު އޮތް އިޙުތިރާމާއި ސިޔާދަތީ ހަމަހަމަ ކަމާއި ދެ ޤައުމުގެ ލާބައާއި މަންފާގެ މައްޗަށް ބިނާވެފައި އޮތް ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ވަރުގަދަ ކުރެއްވުމުގެ ޢަޒުމް ވަނީ އައު ކުރައްވާފައެވެ.
ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކޮށްފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މޯދީ ވަނީ ވިދިވިދިގެން 3 ވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެފައެވެ.
ދިވެހި ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ވެފައިވާއިރު މި ދެޤައުމުގެ ދެމެދުގައި ޤާއިމް ވެފައިވާ ގާތް ގުޅުމަށް ހީނަރުކަމެއް ނައިސް ހަމަހަމަ ކަމާއި އެކު ދެގޮތެއް ނުވެ ކުރިއަށްދާކަމީ ދިވެހިން އުފާކުރާ ކަމެކެވެ.










