ރަޝިޔާގެ މޮސްކޯގައި ދިން ޓެރަރިސްޓް ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި ޢިބާރާޓުން ކުއްވެރި ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހަރުކަށީ ޢީބާރާތުން ކުއްވެރި ކުރައްވާފައިވަނީ ރަޝިޔާގެ މޮސްކޯގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރަޝިޔާގެ ރައީސް ވްލާޑިމިރް ޕޫޓިންއަށް ފުނުއްވި ހަމްދަރުދީގެ މެސެޖެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމުވި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކުއްލި ހައިރާންކަމެއް ލިބިވަޑައިގެންނެވިކަން ބަޔާންކުރައްވާފައިވެ އެވެ.
ޓެރަރިޒަމްގެ މިފަދަ ފިނޑި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެ، ހުރިހާ ބާވަތެއްގެ ޓެރަރިޒަމްގެ ޢަމަލުތައް ކުށްވެރިކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާތަކަށް އިޚްލާސްތެރި ތަޢުޒިޔާ ފޮނުއްވަމުންނެވެ.
ރަޝިޔާގެ މޮސްކޯއަށް ދިން މި ޙަމަލާގައި މަރުވި މީހުންގެ ޢަދަދު 133 އަރާފައިވާކަމަށް ރަޝިޔާގެ ސްޓޭޓް އިންވެސްޓިގޭޓިވް ކޮމެޓީއާ ޙަވާލާދީ ރޮއިޓަރސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
މޮސްކޯގެ ކްރޮކަސް ސިޓީ ކޮންސަޓް ހޯލްގެ ތެރެއަށް ހަތިޔާރު އެޅި ބަޔަކު ވަދެ މި ޙަމަލާދީފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
މި ޙަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމަޢާއަތެއްކަމަށްވާ އައިއެސްއިން ނަގާފައިވާއިރު، މިކަމުގެ ފަހަތުގައި ޔޫކްރެއިންގެ އަތެއްވާކަމަށްވެސް ރަޝިޔާގެ ބައެއް އޮފިޝަލުން ތުޙުމަތުކުރާކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރަޝިޔާގެ މޮސްކޯއަށް ދިން ޙަމަލާ ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާއިރު، މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، މީގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި 4 މީހަކުވެސް ހިމެނޭކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ވިދާޅުވެފަ އެވެ.









