Search Streamline Icon: https://streamlinehq.com

އިދިކޮޅު ފަރާތްތަކަށް މަޖިލިސް މެޖޯރިޓީ ލިބިގެން ކުރެވުނީ ކޮން ކަމެއްތޯ؟

Muizzu Lhaviyani

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރުވެސް އޮތީ އިދިކޮޅު އެމްޑީޕީން އަތުގައި ކަމަށާއި އަޑަށް ބާރުލާފައި ބުނާއިރު، މެޖޯރިޓީ އޮވެގެން ކުރެވެނީ ކޮންކަމެއްތޯ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް ހަސަން ވަހީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު އެމްޑީޕީއަށް ރައްދު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިދިކޮޅު ޕާޓީން މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ދެމެހެއްޓުމަށް އެދެމުން އަންނަ ކަމާއި މިހާރުވެސް މަޖިލިސް އޮތީ އިދިކޮޅި ފަރާތްތަކުގެ އަތްމަތީގައި ކަމަށެވެ. އަދި މެޖޯރިޓީ އޮވެގެން އެފަރާތްތަކަށް މިވީހާދުވަހު ކުރެވުނީ ނުވަތަ ކުރެއްވީ ކޮން ކަމެއްތޯ ރައީސް ވަނީ ސުވާލުއުފައްދާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީން ބުނަމުން އަންނަނީ އޭރު ދޭން ބުނި ފްލެޓުތަކާއި ގޯތިތައް އެޕާޓީން ރައްޔިތުންނަށް ދޭނެ ކަމަށާއި އެމްޑީޕީއަށް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ދިނުމަށެވެ. ނަމަވެސް މިހާރުވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީ ކަމަށްވެފައި އެޕާޓީން ވަކި ކުރެއްވީ ކޮން ކަމެއްތޯ ރައީސް މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

“ އިދިކޮޅު ފަރާތްތަކުން އަޑަށް ބާރުލައިފައި އެބަ ބުނޭ ތިމަންނަމެންނަށް މަޖިލިސް މެޖޯރިޓީ ރައްޔިތުން ދެއްވާށޭ، ދޭން ބުނި ގޯތިތަކާއި ފްލެޓުތައް އޭރުން ދޭނަމޭ. އަޅުގަނޑު ހިތަށްއަރާ، އެބޭފުޅުން އަތުގަ ނޫންބާވައޭ މިހާރުވެސް މެޖޯރިިޓީ އޮތީ. އެ މެޖޯރިޓީ އަޅުގަނޑުމެން ވެރިކަން ފެށިގެން އައި ދުވަހުވެސް އޮތީ އެމްޑީޕީ އަތުގަ. ސުޕަ މެޖޯރިޓީ. ހަތަރު މަސް ވެގެން ދިޔައީ. ހަމަ އެއްކަމެއްވެސް ނުކުރައްވައެއް ނޫންތޯ؟“ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގައި ތިބީ އިޚުލާސްތެރި ބައެއްނަމަ، މިހާރު ނުވެ އޮތް ކަންތައް ކުރެވެން އަންނަނީ މަޖިލިސް އިންތިހާބުގެ އާ އަޤުލަބިއްޔަތެއް ހޯދައިގެންތޯ ވެސް ރައީސް މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މީގެ އިތުރުން ފްލެޓުތަކާއި ގޯތިތައް މި ވެރިކަމުގައި ހަވާލުކުރަން ނޫޅޭކަމަށް އެމްޑީޕީން ބުނަމުން އަންނަނަމަ، މިހާރު އޮތް އަގުލަބިއްޔަތުން އެކަން ކުރަންވީނޫންތޯވެސް ރައީސް މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވީ ވައުދެއް ވީ ގޮތަށް ފުއްދާނެކަމަށާއި މިހާރުވެސް މި އަންނަނީ ފުއްދަމުންކަމަށެވެ. އަދި ކުރިއަށް އޮތްތާވެސް ފުއްދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *