އިންޑިއާ ސިފައިން ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ރާއްޖޭގެ މަސްދޯނި ތަކަށް އެރީ މިސްކޮމިއުނިކޭޝަނެއްގެ ސަބަބުން ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފައި އެބައޮތްކަމަށް ޚާރިޖީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މި މައްސަލަ އާއި ގުޅިގެން ވަޒީރު ޣައްސާން މަޖިލީހަށް ހާޒިރު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރީ މިސް ކޮމިއުނިކޭޝަންއަކުން ކަމަށް އެ ގައުމުން ރަސްމީކޮށް މައުލޫމާތު ދީފައިވާ ކަމަށާއި އެއީ ތެދު ވާހަކައެއް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.
އަދި އެ ދުވަހުގެ އޮޕަރޭޝަންގެ މައުލޫމާތު ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށްނުދީ އެ އޮތީ މިސްކޮމިއުނިކޭޝަން އެއްގެ ސަބަބުން ކަމަށާއި އާންމުކޮށް އެފަދަ އޮޕަރޭޝަންތައް ހިންގާނަމަ އެއް ގައުމުން އަނެއް ގައުމާ އެކު މުއާސަލަތު ކުރެވޭނެ ހަރުދަނާ ނިޒާމެއް އޮންނަ ކަން ވަޒީރު ޣައްސާން ފާހަގަ ކުރެއްވިއެވެ.
”އެ ދުވަހުގެ ބޯޑިން ހަރަކާތް ހިނގީ މިސްކޮމިއުނިކޭޝަންއަކާ ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފައި އެބައޮތް،“ ވަޒީރު ޣައްސާން ވިދާޅުވިއެވެ.
ދިވެހި ތިން މަސް ދޯނި ކަމަށްވާ އަސުރުމާ 3، މާހޯރަ 3، ނިރު 7 އަށް އިންޑިއާ ސިފައިން އެރީ މި އަހަރުގެ ޖެނުއަރީ 31 ގައިއެވެ. އޭގެ ފަހުން، ޖެހިގެން އައި ދުވަހު ވެސް އިންޑިއާ ސިފައިން މާހޯރަ ދޯންޏަށް ވެސް އިންޑިޔާ ސިފައިން ވަނީ އަރާފައިވެއެވެ.
ވަޒީރު ޣައްސާން ވިދާޅުވީ، މަސްދޯނި ތަކަށް އިންޑިއާ ސިފައިން އެރީ މަސްވެރިން ސެޓަލައިޓް ފޯނު ބޭނުންކުރާތީ ކަމަށް މަސް ދޯނިތަކަށް ބޯޑުކުރި އިންޑިއާގެ އަސްކަރީ ޓީމުން ބުނެފައިވާ ކަމަށެވެ. ސެޓަލައިޓް ފޯނަކީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައި މަނާ އެއްޗަކަށް ވީ ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި ބޭނުން ކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް،ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރައްހަދުގެ ތެރެއިން އިންޑިއާ ސިފައިން ހަތިޔާރާ އެކު ދިވެހި ތިން މަސްދޯންޏަކަށް އަރައި މަސްވެރިންގެ ފޯނުތައް ޗެކްކޮށް، އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވީޑިއޯތަކާއި ފޮޓޯތައް ޑިލީޓްކުރިކަން ވެސް ވަޒީރު ވަނީ މިއަދު ކަށަވަރުކޮށްދެއްވާފައެވެ.









