ފަލަސްތީނުގެ ޣައްޒާގައި އެހީ ހޯދުމަށް ބޭރަށް ނުކުމެ އުޅުނު ބަޔަކަށް ޔަހޫދީން ހަމަލާދީ، 19 މީހަކު ޝަހީދު ކޮށްލައިފިއެވެ.
ޣައްޒާޣައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ފުށާއި އެނޫންވެސް އެހީގެ ތަކެތީގެ އިންތިޒާރުގައި ތިބި ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ބަޑި އާއި ޓޭންކް ބޭނުންކޮށްގެން ހަމަލާ ދީފައިވާކަމަށާއި މި ހަމަލާތަކުގައި 19 މީހަކު ޝަހީދުވެ، 23 މީހަކު ޒަހަމް ވެފައިވާ ކަމަށެވެ.
މި ހަމަލާގައި އަނިޔާ ލިބުނު ފަރާތްތައް އަހްލި އަރަބް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ނަމަވެސް މިވަގުތު ޣައްޒާގެ ސިއްހީ ނިޒާމް އޮތް ހާލަތުގެ ސަބަބުން ބައެއް މީހުންނަށް ހޮސްޕިޓަލުން ބޭރުގައި ފަރުވާ ދޭން ޖެހުނު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ޣައްޒާގައި ބަނޑުގައި ހޫނުކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ޔަހޫދީން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް އުނދަގޫވެ، ނުރައްކާތެރިކަން ބޮޑުވަމުންނެވެ.
އެހީ ހޯދުމަށް ގޮސް ތިބި ރައްޔިތުންތަކަކަށް އަމާޒުކޮށް، ހައްދުފަހަނަ އަޅާފައިވާ އިސްރާއީލު ގެ ސިފައިން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ދިން ހަމަލާއެއްގައި 23 މީހަކު ޝަހީދުވެފައިވާއިރު، މިދިޔަ މަހުގެ 29 ވަނަ ދުވަހު ދިން މިފަދަ ހަމަލާއެއްގައި 118 މީހަކު ޝަހީދުވެ، 720 މީހުން ވަނީ ޒަހަމްވެފައިއެވެ.
އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަށް ބަރަކާތްތެރި ރަމަޟާން މަހުވެސް މެދުކެނޑުމެއް ނާންނައިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 32,070 މީހުން ޝަހީދުވެފައިވާއިރު، 74,298 މީހުން ވަނީ ޒަހަމް ވެފައިއެވެ.









