މާލޭގެ ހުރިހާ މަގެއް އެއްވެސް އަގަކާ ނުލައި ރަނގަޅު ފެންވަރަކަށް ހިލޭ ހަދައިދޭން ޗައިނާ ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ޒަމީރަށް ތާއީދުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ހުރިހާ މަގެއް އެއްވެސް އަގަކާ ނުލައި ޗައިނާގެ ހިލޭ އެހީގެ ދަށުން ރަނގަޅު ފެންވަރަކަށް ހަދައިދޭން ޗައިނާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
”ޗައިނާ ސަރުކާރުން ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް ހަމަޖެހިފައި އޮތީ. ހުރިހާ މަގެއް,“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމާ ގުޅޭ ފަންނީ ޓީމު މިހާރު ދިރާސާތައް ކުރުމަށް މާލޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ އިދިކޮޅު އެމްޑީޕީއަށް ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ އޮވެމެ ރައްޔިތުންނަށް ކޮށްދެވެން ހުރި މަސައްކަތްތައް ނުކޮށް ހުއްޓުވާފައިވާ ކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު މަގުތައް ހައްލުކުރައްވަން މަސައްކަތް ކުރައްވަނިކޮށް ބަޖެޓު ހުއްޓުވި ކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ދުރު ނޫން ތާރީހުގައި މިކަން މިގޮތަށް ހިނގާފައިވާއިރު ކަންކަން ހިނގާނީ އެމްޑީޕީއަށް މެޖޯރިޓީ ދީގެން ކަމަށް ބުނާ ވާހަކަތައް ގަބޫލުކުރަން ނުޖެހޭ ކަމަށާއި އެ ކަން ވެސް ކުރާނީ މި ސަރުކާރުން ކަމަށެވެ.









