ރ. އަތޮޅު ދެކުނުބިތުގައި އަޅަން ނިންމި އެއާޕޯޓު ފައިނުގައި އަޅަން ބަދަލުކުރީ ރައްށް ފަޅުކޮށް ރަށް ވިއްކާލުމުގެ ހީލަތްތެރި ރޭވުމުގެ ދަށުންކަމަށް ވިދާޅުވެ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ސަރުކާރަށް ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ. 
ފައިނު ހިމެނޭގޮތަށް ނުވަ ސަރަހައްދެއްގައި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ އިންވެސްޓްމަންޓްގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި 5،000،000 މިލިއަން ޑޮލަރު ހިމަނައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވި ގަރާރާއި ގުޅިގެން ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވަހީދު ވިދާޅުވީ, ފައިނަކީ މިހާރު ގައުމީ އެއާލައިނުން ބޭނުން ކުރަމުން އަންނަ އޭޓީއާރު މަރުކާގެ ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއެއް ހެދެން އޮތް ވަރުގެ ރަށެއް ވެސް ނޫން ކަމަށެވެ.
އަދި ފައިނުގައި އެއާޕޯޓު އަޅަން މަސައްކަތް ކުރަނީ ރަށް ފަޅުކޮށް ރަށް ވިއްކާލުމުގެ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށް ވަހީދު ވަނީ ސަރުކާރަށް ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ފައިނުގައި އެއާޕޯޓު އަޅަން ރާވަމުން ދަނީ ފައިނު ރައްޔިތުންގެ މުޅި ދިރިއުޅުން ނައްތާލައި، އެއާޕޯޓެއް އެޅުމުގެ ނަމުގައި ރަށުގެ އާބާދީ އެހެންތާކަށް ބަދަލުކޮށް، ރަށް ފަޅުކޮށް، ރަށް ވިއްކާލުމުގެ ހީލަތްތެރި ރޭވުމެއްގައި ކުރާ ކަމެއް ކަމަށް ވަހީދު ވިދާޅުވިއެވެ. 
ފައިނުގައި އެއާޕޯޓު އަޅަން މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރތުގައިވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ނަމަވެސް އޭރު އިދިކޮޅުންނާއި ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް ނިކުމެފައެވެ. އަދި ”ސޭވް ފައިނު“ ނަމުގައި ބޮޑު ކެމްޕެއިނެއް ހިންގާފައިވެއެވެ. އެމްޑީޕީގެ ސަރުކާރުން ނިންމާފައި އޮތީ ފައިނުގެ ބަދަލުގައި ބެރިޔަންފަރުގައި އެއާޕޯޓު އެޅުމަށެވެ.
ފައިނުގައި އަޅަން ނިންމި އެއާޕޯޓް އަނބުރާ ގެނެސްދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ކެމްޕޭނު ދުވަސްވަރު ރައީސް ވަނީ، އެ އަތޮޅުގެ ދެކުނުބިތަށް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި، ފައިނުގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.









