ސައުދީ ޕްރޯ ލީގުގައި އަބްހާއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވީއިރު، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަފާތު ދައްކައިފިއެވެ. ރޮނާލްޑޯ ވަނީ ރޭ އަބްހާއާއި ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައި މެޗުގެ ފުރަތަމަ ހާފުގައި ދެ ފްރީކިކް ގޯލާއި އިތުރު ގޯލެއްޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ދެ ލަނޑު ޖެހުމަށް އެސިސްޓް ވެސް ހަދައިދިނެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އަލް ނަސްރުން ކާމިޔާބު ކުރީ 8-0 އިންނެވެ. އޭގެ ކުރިން ސައުދީ ލީގުގައި ކުޅުނު މެޗުން ވެސް އަލް ނަސްރު މޮޅުވެފައިވާއިރު، އެ މެޗުގައި ވެސް ރޮނާލްޑޯ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.
މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. އޭގެ ފަހުން 21 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ވެސް އޭނާ އެވެ. އަލް ނަސްރުގެ ތިން ވަނަ ލަނޑު، 33 ވަނަ މިނެޓުގައި ޖެހީ ސަދިއޯ މާނޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ނަަސްރުން އިތުރު ދެ ލަނޑު ޖެހި އެވެ. 42 ވަނަ މިނެޓުގައި ލަނޑު ޖަހައި ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާގެ 65 ވަނަ ހެޓްރިކް އެވެ.
ރޭގެ މޮޅާއެކު އަލް ނަސްރު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 26 މެޗުން 62 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އަލް ޙިލާލަށް ލިބެނީ 74 ޕޮއިންޓެވެ.









