ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން، އައްޑުއަތޮޅާއި ހުވަދުއަތޮޅު ގުޅުވައިދޭ އެތެރޭގެ އުދުހުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިކަމާއި ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަން އިން ނެރުނު ބަޔާނުގައި ބުނީ ”ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް“ގެ ދަށުން އައްޑުއަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓާ ގުޅުވައިދޭ ޚިދުމަތް، 29 އޮކްޓޫބަރު 2024 އިން ފެށިގެން ފަށާނެކަމަށެވެ. އަދި އަލަށް ހުޅުވޭ މި ރޫޓުގެ ދަތުރުތައް ކުރިއަށް ދާނީ އަންގާރަ ދުވަހާއި ހޮނިހިރު ދުވަހުކަމަށް ވެސް އެފަރާތުގެ ބަޔާނުގައި ބުނެފައިވެއެވެ.
މޯލްޑިވިއަން އިން ބުނިގޮތުގައި، މި ޚިދުމަތުގެ ޓިކެޓް ބުކިން މިއަދުން ފެށިގެން، މޯލްޑިވިއަންގެ ޓިކެޓު ބައްލަވައިގަންނަވާ ހުރިހައި ވަސީލަތަކުން ވެސް ލިބޭނެއެވެ.
މޯލްޑިވިއަންގެ ބަޔާނުގައި ވާގޮތުން ”ސައުތު ކަނެކްޓިވިޓީ“އަކީ ދިވެހި ސަރުކާރުން އިސްނަންގަވައިގެން، މޯލްޑިވިއަންއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތަރައްގީއަށް އެހީތެރިވެދީ، ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ.
އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓް އާ ދެމެދު ދޭ މި ޚިދުމަތުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް ސީދާ ގއ. އާއި ގދ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ދިއުމުގެ މަގު ފަހިވާނެކަމަށް މިއަދު މޯލްޑިވިއަން އިން ނެރުނު ބަޔާނުގައި ވެއެވެ.
އަދި މި ދަތުރުތަކުގެ ސަބަބުން ދެކުނު ސަރަހައްދުގެ އިމްޕޯޓް އަދި އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމަށް ބަޔާނުގައި މޯލްޑިވިއަން އިން ބުނެފައިވެއެވެ.









