ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރުމަކީ، ކުށުގެ ވެށްޓަށް ކުޑަކުދިން ހުށަހެޅޭ ހާލަތު އިތުރަށް ގޯސްވެ، ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ދެވޭ ފުރުސަތަކަށް ވެދާނޭކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބުނެފިއެވެ.
އއ. ރަސްދޫ މިސްކިތެއްގެ ތެރޭގައި ދެ ކުއްޖަކު، ކުއްޖަކަށް ގަނާކޮށް އަނިޔާ ކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެން ކަމާ ގުޅުން ހުރި މުއައްސަސާތަކުން ބޭއްވި ޕްރެސް ބްރީފިންއެއްގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ޖިނައީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަށް ދަށްކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ.
މި ބުނުމާއި ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ނެރުނު ބަޔާނުގައި ވަނީ މިހާރު ވެސް ދަށް އުމުރުފުރާގެ ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބަކީ އެ ކަން ކުރާ މީހުންގެ ރޭވުމުގެ ތެރެއިން އެ ކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ކަމަށެވެ. އަދި 12 އަހަރަށް ދައްކޮސްފި ނަމަ މިކަން އިތުރަށް ފޫޅާވެ، ބޮޑުވެގެން ދިއުން ގާތްކަމަށެވެ.
އެ އުމުރު 12 އަށް ދަށް ކުރުން ވާނީ ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ދެވޭ ފުރުސަތެއް ގޮތުގައި އެ އޮފީހުން ދެކޭ ކަމަށެވެ.
ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ ދަށް އުރުމަކީ 15 އަހަރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެއަށް ވުރެ ހަގު އުމުރުގެ ކުދިން ކުށެއް ކުރުމުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.









