ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތު ހައުސް މަގާމަށް ޝައިޚް އިއްޒައްދީން އަދްނާން އައްޔަނުކުރައްވައިފިއެވެ.
އިއްޒައްދީން އެމަގާމަށް އައްޔަނުކުރެއްވީ ރޭ އިސްލާމީ މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިއްޒައްދީން އަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ އެކިއެކި މަގާމްތައް ފުރައްވަމުން އަންނަ ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ފުރުއްވާފައިވަނީ އެ މިނިސްޓްރީގެ މުސާއިދު ވާއިޒުގެ މަގާމެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ’ދިވެހިރާއްޖޭގެ ޒަކާތު ހައުސް‘ އުފެއްދެވީ 18 ޑިސެމްބަރ 2023 ގައެވެ. އަދި މި އަހަރު ޖެނުއަރީ ދެ ވަނަ ދުވަހު އެމަނިކުފާނު ވަނީ ’ދިވެހިރާއްޖޭގެ ޒަކާތު ހައުސް‘ އިފްތިތާހްކޮށްދެއްވައިފައެވެ.
ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ ބޭނުމުގައެވެ.









