Search Streamline Icon: https://streamlinehq.com

ޕީއެންއެފްގެ އައު ލޯގޯ އާއި ދިދަ ފާސްކޮށްފި

Original

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފްގެ އައު ލޯގޯ އާއި ދިދަ ފާސްކޮށްފިއެވެ.

މީގެ ކުރިން ޕީއެންއެފް އިން ގެންގުޅެމުންއައީ ދަނބުކުލައިގެ، ދެފަރާތަށްވާގޮތަށް ސްޓްރައިޕްސް ހުންނަ ލޯގޯ އެކެވެ. ނަމަވެސް އަލަށް ފާސްކުރެވުނު ލޯގޯގައި ހުރީ ފެހި ކުލަ އާއި ނޫކުލައެވެ. ލޯގޯގެ މެދުގައި ހަނދުފަޅިއެއް ހުރިއިރު، އޭގެ ވަށައިގެން ތަރިއެއްގެ ބައްޓަމަށް ހުރީ ތިނެސްކަން ތަކެކެވެ.

ޕީއެންއެފްގެ އައު ލޯގޯ އާއި ކުލަ ފާސްކޮށްފައިވަނީ މިމަހު 10 ވަނަ ދުވަހުގެރޭ ބޭއްވުނު އެ ޕާޓީގެ ޕާޓީ އުފައްދާ ޖަލްސާގައެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި 329 މީހުން ބައިވެރިވި އިރު، އެ ޖަލްސާގައި ވަނީ ޕީއެންއެފްގެ ރައީސްގެ މަގާމަށް ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީން، ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީހު ޖަމާލް، ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން އިންތިހާބުކޮށްފައެވެ. އެ މަގާމުތަކަށް އެ ބޭފުޅުން އިންތިހާބުކުރީ ޖަލްސާގައި ބައިވެރިވި 329 މީހުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން ޕީއެންއެފް ވަގުތީ ގޮތުން ހިންގާ ކޮމިޓީއަށް ވަނީ ޔާމީން އިންތިހާބުކޮށްފައެވެ. އެ ކޮމިޓީގައި ޔާމީންގެ އިތުރުން، ޒެއިން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، މަލީހުގެ އިތުރުން 17 މީހަކު ހިމެނިވަޑައިގަންނަވައެވެ. ޖުމުލަ 20 މެމްބަރުން ހިމެނޭ އެ ކޮމިޓީއަށް އެ ބޭފުޅުން އިންތިހާބުވެވަޑައިގަތީ ޖަލްސާގެ ބައިވެރިންގެ އިއްތިފާގުންނެވެ.

ޖަލްސާގައި ވަނީ ޕީއެންއެފްގެ ކުލަ، ނަން، ސިއްކަ، އެޑްރެސް އަދި އަސާސީ ގަވާއިދުވެސް އިއްތިފާގުން ފާސްކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *