އަލް އިއްތިހާދު ބަލިކޮށް ސައުދީ ސުޕަ ކަޕްގެ ޗެމްޕިއަންކަން އަލް ހިލާލް އިން ހޯދައިފިއެވެ.
އަބޫދާބީގެ މުޙައްމަދު ބިން ޒައިދު ސްޓޭޑިއަމުގައި ރޭ ކުޅުނު ފައިނަލް މެޗު އަލް ހިލާލް އިން ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއިން އަލް އިއްތިހާދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭގެ މެޗު ފެށިގެން ދެޓީމުން ވެސް ޑިފެންސިވް ކުޅުމެއް ކުޅުނު އިރު ހިލާލް އިން ވަނީ މޮޅަށް ޑިފެންސްކޮށްގެން ކުޅެފަ އެވެ. ދެ ޓީމަށް ވެސް މެޗުގައި ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުލިބެއެވެ. ދެޓީމަށް ވެސް މުޅި މެޗުގައި ވެސް ތަނަވަސް ކުރެވުނީ މަދު ފުރުސަތުތަކެކެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހިލާލް އިންނެވެ. މެޗުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ބްރެޒިލް ފޯވާޑް މަލްކޮމް ވަނީ ލަނޑެއް ޖަހައި ހިލާލްއަށް ލީޑު ހޯދައިދީފައިއެވެ. އޭގެ އިރުގަނޑެއް ފަހުން ލިބުނު ޕެނަލްޓީއަކުން އިއްތިހާދުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ މޮރޮކޯ ފޯވާޑް އަބްދުއްރައްޒާގު ހަމްދަﷲއެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ހިލާލް އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މިފަހަރު ހިލާލް އަށް ލީޑު ނަގައިދިނީ މެޗުގެ 44 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން އަލް ދައުސަރީއެވެ. މެޗުގެ 89 ވަނަ މިނެޓުގައި މަލްކޮމް ހިލާލްގެ ލީޑު ފުޅާކޮށްދިންއިރު، އެޓީމުގެ ފަހު ލ؛ަނޑު މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ފަހުހާފަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނަސީރު އަލް ދައުސަރީއެވެ.
ސައުދީ ސުޕަ ކަޕްގެ ޗެމްޕިއަންކަން ހިލާލް އިން ހޯދިއިރު، މިއީ އެޓީމުން ސައުދީ ސުޕަ ކަޕް ތަށި އުފުލާލި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ހިލާލް އިން ސައުދީ ސުޕަކަޕް ހޯދާފައިވަނީ 2018، 2020 އަދި 2021 ގައެވެ.
ރޭގެ މެޗުން ބަލިވި އަލް އިއްތިހާދަކީ 2022 ވަނަ އަހަރު ސައުދީ ސުޕަކަޕްގެ ޗެމްޕިއަނުންނެވެ. މިއީ އެޓީމަށް މި ކަޕް ކާމިޔާބު ކުރެވުނު ހަމައެކަނި ފަހަރުވެސްމެއެވެ.










