އައްޑޫގެ 60 ކިލޯމީޓަރުގެ މަގުތަކުގައި އަޅާފައިހުރީ އާދައިގެ ސީއެސްޕީ ސިމެންތި ލޭޔަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ތާރު އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫގައި ބޭއްވުނު ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އަންނަނީ ކުރީގައި ކުރަންއުޅެ، ގޯސްކޮށް ކުރެވިފައިހުރި މަސައްކަތްތައް ވެސް ރަނގަޅު ކުރަމުން ކަމަށާއި އެގޮތުން އައްޑޫގެ 60 ކިލޯމީޓަރުގެ މަގުތަކުގައި އަޅާފައިހުރީ އާދައިގެ ސީއެސްޕީ ސިމެންތި ލޭޔަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ތާރު އަޅައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ 2022 ވަނަ އަހަރު އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލު ކޮށްގެން އައްޑޫގެ މަގުތަކުގައި ތާރު އަޅަން ފަށާފައިވީ ނަމަވެސް، ތާރު އަޅާފައިވަނީ 100 ކިލޯމީޓަރުގެ ތެރެއިން 40 ކިލޯމީޓަރުގައިކަމަށާއި ބާކީ ހުރި 60 ކިލޯމީޓަރުގައި އާދައިގެ ސިމެންތި ސީއެސްޕީ ލޭޔަރެއް އަޅާފައިހުރުމުން މަގުތައް ހަލާކުވަމުންދާ ކަމަށެވެ.
އަދި ހަލާކުވަމުންދާ މަގުތަކުގައި ތާރުއެޅުމަށް ނިންމައި، އެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރެވިގެން ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ 18 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.









