ލ. އަތޮޅުގައި ހަތަރު ރިސޯޓު ތަރައްގީކޮށް، ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އަދި އެ އަތޮޅު ފޮނަދު އަށް އުފަން އިބްރާހިމް ފައިސަލް އިއްޔެ ދެއްވައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބައްޕަ އަބްދުއްރަހީމް އަބްދުﷲ ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމުން އެކަމުގެ އުފާ ފާޅުކުރުމަށް ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބޭއްވި ސައިކަލް ބުރަށް ފަހު ވާހަކަ ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ، ”ވަން އައިލެންޑް“ ކޮންސެޕްޓްގެ ހަތަރު ރިސޯޓު މި ސަރުކާރުން ތަރައްގީ ކުރާނެ ކަމަށާއި ފުރަތަމަ އެއްބަސްވުން ނުވަތަ ލީސް އެއްބަސްވުން ކުރިއަށް އޮތް މި ހަފުތާގެ ތެރޭގައި ދުބާއީގެ ކުންފުންޏަކާ އެކު ކުރާނެ ކަމަށެވެ. އަދި އެ ރިސޯޓު ހަދަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ލ. އަތޮޅު މާފަރު ފަޅުތެރޭގައި އޮތް ރަށެއްގަ އެވެ.
ފައިސަލް ވިދާޅުވީ، އެ ރިސޯޓުގެ މަސައްކަތް ވެސް 2-3 އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި ބަރެސްދޫ ޕްރޮޖެކްޓް ވެސް މި ސަރުކާރުން ކާމިޔާބު ކުރާނެ މަކަށެވެ.
މިނިސްޓަރު ވިދާޅުވީ، ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް، ދެ ވަނަ ފިޔަވަހީގެ ދަށުން އެ ތަނުގައި ޖެޓް ޕާކިންއެއް ހަދައި ލ. އަތޮޅަކީ ”ވަން އައިލެންޑް“ ކޮންސެޕްޓަށް ޓޫރިޒަމް ފައްކާ ވެފައިވާ އަތޮޅަކަށް ވާނެ ކަމަށެވެ.
ފައިސަލް ވިދާޅުވީ އެ ކަމަށް ލ. އަތޮޅުގެ ޒުވާނުން އެއްވެސް ގޮތަކަށް ޝައްކު ކުރާނެ ކަމެއް ނެތްކަމަށާއި އެކަމުގައި އެބޭފުޅާ ވަރުބައްޔެއް ނުވާނެކަމަށެވެ. އަދި ފާޑުކިޔާ ފަރާތްތަކުން ފާޑުކިޔަންވީކަމަށާއި ހިތްވަރު ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމަށް އޭނާއާ އެކު އޮތީ ވަރަށް ގާބިލް ޓީމެއް ކަމަށާއި ގޮތުގައި އޭނާ ދެކެވަޑައިގަންނަވަން ބޭނުންވަނީ ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރާ ދުވަހެކެވެ.
”އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މިތާނގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިހާބު. ސިޓީގެ ދަރަޖަ އަށް މި ތަން ބަދަލުކުރެވި، މި ތާނގައި އަޅުގަނޑުމެން ދެން އިންތިހާބު ކުރާނީ ގަން-ފޮނަދޫ ސިޓީގެ މޭޔަރު އަދި ގަން-ފޮނަދޫ ސިޓީގެ އާންމު މެމްބަރުން،“ އޭނާ ވިދާޅުވި އެވެ.
ފައިސަލް ދެއްވި ޔަގީން ކަމަކީ ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ގާއިމްކުރަންޖެހޭ ހުރިހާ ވަސީލަތެއް މި ސަރުކާރުން ގާއިމް ކުރާނެ ކަމެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތާއި ބޯހިޔާވަހިކަމާއި މަގު ހެދުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވި އެވެ.
”ރާއްޖޭގައި އެންމެ ފުރިހަމަ އަށް ތަރައްގީ ވެފައި އޮތް ސިޓީއަކަށް އިރާދަކުރެއްވިއްޔާ ގަން-ފޮނަދޫ ވެގެން ދާނީ ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރުގައި،“ މިނިސްޓަރު ވިދާޅުވި އެވެ.









