Search Streamline Icon: https://streamlinehq.com

ފާއިތުވި ތިން އަހަރުގެ ތެރޭގައި އާއިލާއާ ބެހޭ ކޯޓަށް ހަތަރުހާހާ ގާތްކުރާ އަދަދަކަަށް ވަރި: ޚުތުބާ

Presentation5

ރާއްޖޭގައި ކުރެވޭ ވަރީގެ ނިސްބަތް ބޮޑުތަނުން އިތުރވަމުން ދާކަމަށާއި އެގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި އާއިލާއާ ބެހޭ ކޯޓަށް ވަރިވުމަށް އެދި 3،820 ވަރި ހުށަހަޅާފައިވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

’ވަރި“ މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ކައިވެންޏަކީ މާތް الله ދެއްވާ ނިއުމަތެއް ކަމަށާއި، އެކަލާނގެ އަޅުތަކުންނަށް ލައްވާ ރަހުމަތެއް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ކުރެވޭ ވަރީގެ ނިސްބަތް ބޮޑުތަނުން އިތުރުވަމުން ދާކަމަށާއި އެގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި އާއިލާއާ ބެހޭ ކޯޓަށް ވަރިވުމަށް އެދި 3،820 ވަރި ހުށަހަޅާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަރީގެ ނިސްބަތް އިތުރުވެފައިވާއިރު، 2021 ވަނަ އަހަރު 1193 ވަރި، އަދި 2022 ވަނަ އަހަރު 1346 ވަރި އަދި 2023 ވަނަ އަހަރު 1281 ވަރި ރަޖިސްޓްރީކޮށްފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި މައުލޫމާތުތަކުން އެނގޭގޮތުގައި އާންމުކޮށް ވަރި ކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރުބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުމާއި، ތަޅައި އަނިޔާކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޝައްކުކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމުކުރުމާއި، އާއިލީގުޅުންތައް ނުބޭއްވުމާއި، ދީނީކަންކަމަށް ފަރުވާ ކުޑަކުރުމާއި، ހައްގުތައް ބަރާބަރަށް އަދާނުކުރުމާއި، ޤަވާއިދުން ހަރަދު ނުކުރުމާއި ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނެއެވެ.

ހުތުބާގައި ބުނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގެ ތެރޭގައި ބައެއް ފަހަރަށް އާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވާކަމަށެވެ. ދެމަފިރިންގެ މެދުގައި މައްސަލަޖެހި، ހިޔާލުތަފާތުވުން އުފެދޭ ހާލަތްތަކުގައި، ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ ވަރުގަދަ މީހާއަކީ އޮޅުވާލައި ގަދަވާ މީހާއެއް ނޫނެވެ. ނަމަވެސް ވަރުގަދަ މީހާއަކީ ރުޅި އަންނަ ހިނދު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާ މީހާކަން ކަށަވަރެވެ“

އަދި އެހެން ހަދީޝެއްގެ މާނައިގައި ވެއެވެ. އަންހެނަކު އޭނާގެ ފިރިމީހާއާ ދެކޮޅަށް އަނބުރާލާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.

ހުތުބާގައި ބުނީ ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކޮށް މުސްލިމުންގެ ގޯތި ގެދޮރު ހަލާކުކޮށް ދެމަފިރިން ދެމެދު ފަސާދަ ކުރާ ކަމަށެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އެ ދެމަފިރިން ކަމަށާއި، އެހެން ނޫންނަމަ، ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާކޮށްގެން ކަމަށެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *