މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމުން ވަކިކޮށްފި އެވެ.
މިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މިފްކޯގެ ސީއީއޯގެ މަޤާމަށް އައްޔަނު ކުރެއްވި އަހްމަދު ސަމާހު ރަޝީދު މިފްކޯގެ ސީއީއޯ މަޤާމުން ވަކިކުރެއްވިކަން ހާމަކުރައްވާފައިވަނީ ސަރުކާރު ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ތައިލެންޑުގައި ކުރިއަށްދާ 18 ވަނަ ”އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން“ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ތައިލެންޑުގައި މިވަގުތު ހުންނެވި އަޙްމަދު ސަމާހު މިފްކޯގެ ސީއީއޯގެ މަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަނީ ވަކިކުރައްވާފައިވާކަން ޕީސީބީން ވަނީ ހާމަކުރައްވާފަ އެވެ. ނަމަވެސް ސަމާހު އެ މަޤާމުން ވަކިކުރެއްވި ސަބަބެއް ޕީސީބީން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މިފްކޯގެ ސީއީއޯ މަޤާމުންނާއި ބޯޑުގެ ޑިރެކްޓަރުކަމުން އަހުމަދު ސަމާހު ވަކިކޮށްފައިވާއިރު، އެ މަޤާމުން ޝަމާހު ވަކިކުރުމުގެ ކުރިން އޭނާއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅުން ހުރި މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ ޕީސީބީ އިން ވަނީ ޝަމާހު ސަސްޕެންޑްވެސް ކޮށްފައެވެ. އަދި މިދިޔަ މާޗު މަހުގެ 18 ގައި ކުރި ސަސްޕެންޝަން އުވާލީ ނިމިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ.









