Search Streamline Icon: https://streamlinehq.com

އެންސީއެސް ގެ ފަރާތުން އަތޮޅުތަކަށާއި މާލެއަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ފަށަނީ

59886c 1cef81cf063049ffafaed3d763dd6241~mv2

ނޭޝަނަލް ކެރިއަރ ސަރވިސް ގެ އެންމެ މުހިންމު މަސައްކައްތަކީ ރާއްޖެއަށް ބޭނުންވާ މުހިންމުދާއިރާތަކުން، މަސައްކަތުގެ މާހައުލަށް މީހުން ބިނާކުރުންކަމަށާއި، އެގޮތުން އެ އިދާރާއިން މިހާރުވަނީ މުޅިރާއްޖެއަށް ހުޅުވާލައިގެން ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ނޭޝަނަލް ކެރިއަރ ސާރވިސް ކުރިން ހުރީ ޖޮބްސެންޓަރގެ ގޮތުގައެވެ. އޭރު އެ އިދާރާއިން ކުރަމުން އައި މަސައްކަތަކީ ވަޒީފާ ދޭ ފަރާތުން ހުރި ފުރުސަތުތައް ވަޒީފާ ހޯދާ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދީ ގުޅުވާދިނުމުގެ މަސައްކަތެވެ. އެހެންނަމަވެސް މަސައްކަތުގެ މާހައުލުގައި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދިވެހިން ބިނާކުރުމަކީ މި ސަރުކާރުން އިސްކަމެއްދެއްވާކަމެއްކަމުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެމަތިން ޖޮބްސެންޓަރގެ ނަން ނޭޝަނަލް ކެރިއަރ ސަރވިސް އަށް ބަދަލު ކުރައްވާ، މީހުން ބިނާކުރުމުގެ މަސައްކަތްތައް ވަނީ ފުޅާކުރައްވާފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ނޭޝަނަލް ކެރިއަރ ސަރވިސް އިން ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ބާރު ސްޕީޑް ގައި މަސައްކަތްތަކެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށާ، މި މަހުގެ ފަހުކޮޅުގައި މި މަސައްކަތް ފެށޭނެކަމަށެވެ.

“ ޖޮބްސެންޓަރގެ ނަން، ނޭޝަނަލް ކެރިއަރ ސަރވިސްގެ ނަމަށް ބަދަލު ކުރައްވާ އެތަނުގެ މެއިންޑޭޓް މިވަނީ ފުޅާކުރައްވާފަ. އެހެންކަމުން ކެރިއަރ ގައިޑެންސް އަކީ މިހާރު އެތަނުން ކުރާނެ އެންމެ ބޮޑު އެއް މަސައްކަތް. އަޅުގަނޑުމެންވެސް މިހާރު މިމަހުގެ ފަހުކޮޅާއި އަންނަމަހުގެ ކުރީކޮޅުންފެށިގެން އަތޮޅުތަކަށާއި އަދި މާލޭގަ ކެރިއަރ ގައިޑެންސް ވަރަށް ބާރު ސްޕީޑް ގައި ފެށުމަށް މިހާރުވަނީ ޕްލޭންތަކެއް ހެދިފަ“

މީގެ އިތުރުން ވިދާޅުވީ  އަހަރަކު ދެފަހަރު ކެރިއަރ އެކްސްޕޯއެއް ބޭއްވުމަށްވެސް އެ ވުޒާރާއިން ތައްޔާރުވަމުން އަންނަކަމަށެވެ. އޭގެ ތެރެއިން ކައުންސެލިންނާއި މަތީތައުލީމްގައި ހުރި ފުރުސަތުތަށް ދަރިވަރުންނަށް ފޯރުކޮށްދެވޭނެކަމަށާ، މިގޮތުން ރާއްޖޭގައި ހުރި ދުނިޔޭގެ ފެންވަރުގެ އިންސްޓިޓިއުޓްތަކުން މަތީތައުލީމްގެ ދާއިރާތަކުން ލިބެންހުރި ފުރުސަތުތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރޭގައިވެސް، އަދި ރިޔާސީ ބަޔާނުގެ ތެރޭގައިވެސް ޢިލްމީ ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *