Search Streamline Icon: https://streamlinehq.com

އެތައް ދުވަހަކަށްފަހު ބޮޑުކަންނެލީގެ އަގު އުފުލިއްޖެ

Waadheeufaa

ބޮޑުކަންނެލީގެ އަގު ދަށްވެފައި އެތަށް ދުވަހެއްްގައި އޮތުމަށްފަހު ބޮޑުކަންނެލި ކިލޯއެއްގެ އަގު 120 ރުފިޔާއަށް އުފުލިއްޖެ އެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއިން ހާމަކުރެއްވި ގޮތުގައި ކ.ހިންމަފުށީގައި ހުންނަ އެމްކިޔުއެސް އަށް ބޮޑުކަންނެލި ކިލޯއެއް 120 ރުފިޔާގެ ރޭޓުން މިހާރު ގަންނާނެ އެވެ. އަދި މިވަގުތަށް ބަލާއިރު މުޅިރާއްޖެއިންވެސް އެންމެ ބޮޑު އަގެއްގައި ބަންނެލި ގަންނަ ފަރާތަކީ އެމްކިޔުއެސް ކަމަށް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިން ހާމަކުރައްވަ އެވެ.

ބޮޑުކަންނެލި ގަންނަ އެތަށް އެތަށް ކުންފުންޏެއް ރާއްޖޭގައި ހަރަކާތްތެރި ވީނަމަވެސް ކަންނެލި ގަންނަ އެހެން ކުންފުނިތަކުން ކަންނެލި ކިލޯއެއް ގަންނަ އަގަކީ 110 ރުފިޔާ އެވެ.

ބޮޑުކަންނެލި މަސްވެރިކަން ކުރާ ފަރާތަކުން ”ފެންވަރު އޮންލައިން“ އަށް މައުލޫމާތު ދެއްވި ގޮތުގައި ބޮޑުކަންނެލި ގަންނަ ކުންފުނިތަށް ރާއްޖޭގައި ކިތަންނެ ގިނަ ނަމަވެސް ކަންނެލި ކިރުމުގައި ވަރަށް ބޮޑަތި ދަތިތަކާއި ކުރިމަތި ލާންޖެހޭ ކަމަށާއި‘ މީގެކުރިން 30 ކިލޯއިން މަތީގެ ކަންނެއްޔާއި 30 ކިލޯއިން ދަށުގެ ކަންނެލި ގަންނަ އަގު ވަރަށް ބޮޑަށް ތަފާތު ކަމުގައި އޭނާ ބުނެޏެވެ. ނަމަވެސް މިހާރަކަށް އައިސް 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަނީ ބޮޑުކަންނެލި ގަންނަ އަގުގައި ކަމަށްވެސް އޭނާ  މައުލޫމާތި ދިނެވެ. ރާއްޖޭގެ ކުންފުނިތަކުން ބޮޑުކަންނެލީގެ ގޮތުގައި ބަލަނީ 30 ކިލޯއިން މަތީގެ ކަންނެލި ކަމަށްވެސް އޭނާ ބުންޏެވެ.

”އެންމެ ދެރަވާން ޖެހޭ މައްސަލައަކީ އެމީހުން ކަންނެލި ބޭރުކުރަންވާ ދުވަހަށް އެމީހުން ބޭނުންވާ އަދަދަށް ކަންނެލި ހަމަނުވެއްޖިއްޔާ ކުއްލިއަކަށް އަގު އަރުވާ. އެމީހުން ބޭނުންވާ އަދަދަށް ކަންނެލި ހަމަވާއިރަށް ބުޑުދަށުން ކަނޑަފާ އަގު ވައްޓާލާނެ. މިކަމުގައި ވެސް ޒިންމާ ނަގާނެ ބަޔަކު ނެތް ކަން އެއީ ވަރަށް ދެރަ ކަމެއް.“ ނަން ހާމަ ނުކުރުމަށް ޝަރުޠުކޮށް ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ބައެއް ކެޔޮޅުން މައުލޫމާތު ދެއްވި ގޮތުގައި މަސްވެރިކަން ރަނގަޅުވާ ދުވަސްވަރާއި ދިމާކޮށް ކަންނެލި ގަންނަ ފަރާތްތަކުން ކަންނެލީގެ އަގު ދައްކޮށްލަ އެވެ. އަދި ކަންނެލި ގަންނަ ކުންފުނިތަކަށް ބޮޑުކަންނެލި ނުލިބި އެމީހުން ކަންނެލި ބޭރުކުރާ ދުވަހަށް ބޭނުންވާއަދަށް ބޭނުންވާ ދުވަަހަށް ކަންނެލީގެ އަދަދު ހަމަނުވެއްޖެ ނަމަ އެ ކުންފުނިތަކުން ކަންނެލީގެ އަގު މަތިކުރާކަމަށްވެސް ބައެއް ކެޔޮޅުން ތުޙުމަތު ކުރެއެވެ.

”ކަންނެލި މަސްވެރިކަން ދައްވެލާއިރަށް ކުންފުނިތަކުން ކަންނެލީގެ އަގު އަރުވާނެ. އަނެއްކޮޅުން އަހަރެމެން ކަންނެލި ބާނަން ފައްޓާއިރަށް ކުއްލިއަކަށް އަގު ދައްކޮށްލާނެ. މިއީ އަސްލު ވަރަށް ދެރަ ކަމެއް. އަހަރެން ދެކޭގޮތުގައި މިހާރު ކަންނެލީގެ އަގުވެސް ވެއްޖެ ކޮންޓްރޯލް ކުރަން. ވަކި ވަރަކަށް ވުރެ އަގު ދައް ނުކުރެވޭގޮތަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް. ކަންނެލީގެ އަގު ބަދަލު ކޮށްލާއިރު ހީވަނީ އެމީހުން ކުލޭކުލޭ އެއްޗެއްހެން. މިއީ އަސްލު ވަރަށް ދެރަ މައްސަލައެއް.“ ނަން ހާމަ ނުކުރުމަށް ޝަރުޠުކޮށް ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *