ކޫއްޑޫން މަސްކިރުވި 25 ދޯންޏެއްގެ ފަޅުވެރިން ކަރަންޓީންވާން އަންގައިފިއެވެ.
ކޫއްޑޫ މަސްކިރާ ބޯޓެއް ކަމަށްވާ ”ރަންދި 26“ އިން ފަޅުވެރިންނާއި މުވައްޒަފުންތަކެއް ކޮވިޑަށް ފައްސިވުމާއި ގުޅިގެން ފާއިތުވެދިޔަ ހަފްތާގައި އެބޯޓުން މަސްކިރި ހުރިހާ ދޯނިތަކުގެ ފަޅުވެރިން ކަރަންޓީނުވާން ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްއިން އަންގައިފިއެވެ.
އެބޯޓަށް މަސްކިރި 25 ދޯނީގައި ތިބި އެންމެން14 ދުވަހަށް ކަރަންޓީނުވާން އަދި ފައްސިވި ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން 7 ދުވަހަށް އެކަހެރިވާން ވަނީ އަންގާފައެވެ. މިމުއްދަތުގައި އެއްވެސް އއަލާމަތެއް ފެންނަނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތަށް އެންގުމަށް ވަނީ އަންގާފައެވެ.
ރަންދި26 ބޯޓުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ކޫއްޑޫ އަދި މާމެންދޫ ވަނީ އިއްޔެގެ ވަގުތެއްގައި މޮނީޓަރިންގެ ހާލަތަށް ގެނސްފައެވެ. އެޗްޕީއޭ އިން ވަކިގޮތަކަށް އަންގަންދެން އެދެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
އެބޯޓު ބަނދަރުކުރި ރަށްތަކުގެ ތެރޭގައި ގދ.ގައްދޫ އާއި ގއ.ކަނޑުހުޅުދޫ ވެސް ހިމެނެއެވެ. އެބޯޓުގެ 4 ފަޅުވެރިންނާއި 10 މުވައްޒަފަކުވަނީ ކޮވިޑަށް ފައްސިވެފައެވެ.









