ހއ. އިހަވަންދޫގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރެއްވިގޮތުގައި މި ހިނގާ ނޮވެމްބަރު 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ އިހަވަންދޫގައި މަސައްކަތް ކުރަމުންދާ ބިދޭސީން އިތުރުވަމުންދިއުމާއެކު ޤާނޫނާއި ޤަވާޢިދާ ޚިލާފުވުމުގެ މައްސަލަތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށާއި ބިދޭސީ މަސައްކަތްތެރިންނަށް ޤާނޫނުން ލިބިދޭ ޙައްޤުތައް ބުނެދީ އެ ކަންކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގައި 140 ބިދޭސީންނަށް ބައިވެރިވިކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ
މި ސެޝަންގައި، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބިދޭސީންގެ މައްޗަށް ތުހުމަތުކެރޭ ޖިނާއީ ކުށްތަކާއި، އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ބިދޭސީންކުރާ ކުށްތަކާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުގެ ޤާނޫނުގައި ހިމެނޭ އަމަލުތަކުގެ ތެރެއިން ބިދޭސީންނާ ގުޅޭގޮތުން އާންމުކޮށް ހުށަހެޅޭ ޝަކުވާތަކާއި، އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ. އަދި ވަޒީފާއާ ބެހޭ ޤާނޫނާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ޤަވާޢިދުގައި ހިމެނޭ މުހިންމު ބައިތައް ކިޔައިދީ، ބިދޭސީންނަށް ލިބިގެންވާ ޙައްޤުތަކަށް އަލިއަޅުވައި މައުލޫމާތު ދެއްވާފައިވާކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
މީގެ އިތުރުން، ރަށުގައި ދިރިއުޅުމުގައި ގެންގުޅެންޖެހޭ ރިވެތި އަދަބުތަކަށް ކަމޭހިތުމަށާއި، ޚާއްޞަކޮށް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ބާރުއަޅައި މައުލޫމާތު ދީފައިވެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ގޮތްތައް ކިޔައިދެއްވާފައިވާކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.









