Search Streamline Icon: https://streamlinehq.com

ފަލަސްތީނު: ތަޣައްރުވެފައިވާ ފެން ބުއިމަށް ޣައްޒާގެ ރައްޔިތުންނަށް މަޖުބޫރުވެއްޖެ

3000

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން އެ ސަރަހައްދުގެ ފެންގަނޑުތަޣައްޔަރުވެ، އެތައް ހާސް ރައްޔިތުންނަށް ބޯން ޖެހިފައިވަނީ ނުސާފު، ތަޣައްޔަރުވެފައިވާ ފެން ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި ހިތާމަވެރި ހާލަތަކީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ތިމާވެއްޓަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ހެއްކެކެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި އަވަށްތައް ހަލާކުވެ، އެތައް އާއިލާއެއް އެމީހުންގެ ގެދޮރުން ގަދަކަމުން ނެރެފައިވެއެވެ. މީގެ އިތުރުން ބޭސްފަރުވާ ފޯރުކޮށްދޭ ތަންތަން ހަލާކުވެފައިވާއިރު، ފަލަސްތީނުގެ ރައްޔިތުން ބަރޯސާވާ ބިމާއި ފެންގަނޑު ވިހައަކަށް ބަދަލުވެފައިވާކަން އެ ނޫހުން ފާހަގަކުރެއެވެ. ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު އެއްބަސްވުމާ އިސްރާއީލުން ކޮންމެ ދުވަހަކު ވެސް ހިލާފުވަމުންދާއިރު، ތިމާވެއްޓަށް ލިބޭ ގެއްލުން މިހާރު ވަރަށް ބޮޑަށް ހާމަވަމުންދާކަން އަލްޖަޒީރާއިން ވަނީ ހާމަކޮށްފައެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ ޝެއިޚް ރަދްވާން އަވަށުގައި ކުރިން ދިރިއުޅެމުން އައި ސަރަހައްދެއް މިހާރު ވަނީ ވީރާނާވެފައިވާ ކުނިން ފުރިފައިވާ ތަނަކަށް ބަދަލުވެފައެވެ. ގޭގެދޮރު ހަލާކުވެ، ކުރިން ވާރޭ ފެންގަނޑެއްގެ ގޮތުގައި އޮތް ފެންގަނޑު މިހާރު ނަޖިހާއި ކުނި ތަޣައްޔަރުވެފައިވާއިރު، ގެދޮރު ގެއްލިފައިވާ އެތައް އާއިލާއަކަށް މި ތަނަކީ މިހާރު ގެދޮރަކަށް ވެފައިވާކަން އެ ނޫހުން ފާހަގަކުރެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ދެ އަހަރު ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ގިނަ ފެނުގެ ވަސީލަތްތަކަށް ވަނީ ގެއްލުން ލިބި އިސްރާއީލުން ވަނީ ތަންތަން ހަލާކުކޮށްލާފައެވެ. މި ހާލަތުގައި ޣައްޒާގެ ރައްޔިތުން ފެންވެރުމަށް ވަޅުތަކުގައި ހުންނަ ނުސާފު ފެން ބޭނުންކުރާއިރު، ބޯން ބޭނުންކުރަނީ ފެން ޓްރަކްތަކުން ބެހާ ޑީސެލިނޭޓެޑް ފެނެވެ. މި ފެން ހޯދުމަށްޓަކައި އެ ރައްޔިތުން ދިގު ދަތުރުކޮށް، އެތައް ގަޑިއިރެއް ވަންދެން ކިޔޫގައި ތިބެން ޖެހެއެވެ.

ޣައްޒާގެ އާއިލާތަކަށް ލިބޭ ފެންފޮދު ބަހާލައިގެން ބޭނުންކުރާއިރު، ފެން ލިބުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ބައެއް ފަހަރު ބިމުގެ ނުސާފު ފެން ބޭނުންކުރަން ޖެހޭ ހާލަތަށް ވެސް އާދެއެވެ. މި ފެން ހުންނަނީ ލޮނު ފެނުން ނުވަތަ ނަރުދަމާގެ ސަބަބުން ތަޣައްޔަރުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ޣައްޒާގެ ފެންގަނޑު ވިހައަކަށް ބަދަލުވެފައިވާއިރު، މި ކަމުގެ ސީދާ އަސަރު އެ ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތާއި ދިރިއުޅުމަށް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *