ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަމައެކަނި އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗާއެއް ނޫން ކަމަށާއި، އެއީ ބޮޑުތިލަދުންމަތީގައި ހިމެނޭ ހުރިހާ އަތޮޅެއްގެ ރައްޔިތުންގެ ތަރައްގީގެ ދޮރާށި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ އުތުރަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ހުޅުވުމަކީ އުތުރުގެ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ސިޔާސަތު ހަގީގަތަކަށް ހެދުމުގައި އެންމެ މުހިންމު އެއް ވަސީލަތް ކަމަށް ފާހަގަކުރައްވާފައެވެ. އަދި ބޮޑުތިލަދުންމަތީގައި އިންވެސްޓްކުރުމަކީ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެ، ރާއްޖެއާއި ބޭރުގެ އިންވެސްޓަރުން އެ ސަރަހައްދަށް އައިސް އިންވެސްޓްކުރުމަށް ވަނީ ދައުވަތު ދެއްވާފައެވެ.
އެއާޕޯޓުގެ ތަރައްގީ އާއި ރައީސްގެ ވައުދު
މި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގައި ހަނިމާދޫ ރައްޔިތުން އެމަނިކުފާނުގެ އަރިހުން އެއާޕޯޓާ މެދު ސުވާލުކުރުމުން، މަޝްރޫއަށް ބާރުލައި ކަންކަން ހަލުވިކުރައްވާނެ ކަމަށް ވަގުތުން ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި އިރާދަކުރެއްވީތީ އެ ވައުދު ފުދިގެން ދިއުމުން، ހަނިމާދޫގެ ހުރިހާ ރައްޔިތުންނަށާއި، ޖުމްލަކޮށް ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް މަރުހަބާ ދަންނަވައި، އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.
ރާއްޖޭގެ ތަރައްގީގެ، ޚާއްސަކޮށް އުތުރުގެ ދެމެހެއްޓެނިވި ތަރައްގީގެ އެންމެ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި މި އެއާޕޯޓު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިރޭ ހުޅުވުނު ދޮރާށިން، ހދ. އަތޮޅާއި މި ސަރަހައްދުގެ ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި، ޖުމްލަކޮށް އިގްތިސާދީ، އިޖުތިމާއީ އަދި ތަރައްގީގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.
”މި ފުރުސަތުގެ ބޭނުން މިވަގުތު ހިއްޕަވާ. މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. މިއީ ފުން، ފުޅާ ރަނުގެ ފުރުސަތެއް. ހުރިހާ ދާއިރާއަކުން މި ސަރަހައްދުގެ. ސަރުކާރުން މިއޮތީ ތައްޔާރަށް ހުރިހާ ގޮތަކުން ކަންތައްތައް ފަހިކޮށްދެވޭނެ ހުރިހާކަމެއް ކޮށްދޭން،“ ރައީސް ވިދާޅުވިއެވެ.
ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް ލިބޭ މި ފުރުސަތުގެ ބޭނުން ފުޅާ މިނުގައި ހިފުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ހދ. އަތޮޅު ހިމެނޭ ބޮޑުތިލަދުންމަތީގައި އެކަށީގެންވާ ވަރަށް ފަތުރުވެރިކަން ގެނެވިފައި ނެތް ނަމަވެސް، މި ސަރުކާރުން ވަނީ އެ ސަރަހައްދަށް ޓޫރިޒަމް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، އެމްޓީޑީސީ މެދުވެރިކޮށް ނާގޯށީގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އެ މަޝްރޫއަކީ އަންނަ އަހަރު އޮޕަރޭޝަނަށް ގެނެސް، މި އަތޮޅުގައި ފަތުރުވެރިކަން ފައްކާކުރުމަށް އެންމެ މުހިންމު އެއް ފިޔަވަޅަށް ވާނެ ކަމަށް ވިދާޅުވިއެވެ.
ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދޭންޖެހޭ ލުއިތައް ދީފައިވާ ކަމަށާއި، އެ ލުއިތަކާ ގުޅިގެން ގިނަ ބަޔަކު ކުރިމަތިލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނީ ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް ބޮޑު ”ބޫސްޓަކަށް“ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޮކްޓޯބަރު 1986 ގައި ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހުޅުވުނު ހަނިމާދޫ އެއާޕޯޓު، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި އާ ޓާމިނަލް އެޅުން ހިމެނޭހެން ޒަމާނީ ކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
އިންޑިއާގެ ލޯނު އެހީގައި، އަދި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކަލްޕަތަރު ޕްރޮޖެކްޓްސް އިން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް، އިންޑިއާގެ އެގްޒިމް ބޭންކުން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެވުނެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ، ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މައްޗަށް ޚާއްސަކޮށް މަޑިއެއް ސިފަވާހެން އެޅި ޓާމިނަލެއް މި މަޝްރޫޢުގެ ދަށުން ބިނާކުރެވުނެވެ. ޓާމިނަލްގެ އިތުރުން އެއާޕޯޓު ޓަވަރު ފަދަ މުހިންމު އިމާރާތްތަކެއް ވެސް ވަނީ ގާއިމުކުރެވިފައެވެ. މިރޭ ބޭއްވި ހަފުލާގައި ރައީސް ޑރ. މުއިއްޒު އާއި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ވަނީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
ހަނިމާދޫ އެއާޕޯޓު އެހާ ހަލުވިމިނެއްގައި ނިންމީ ސަރަހައްދުގެ ރައްޔިތުންނަށް އަވަސްމިނެއްގައި އިގްތިސާދީ ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ހަނިމާދޫގެ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ އެތައް ކަމެއް ތަރުތީބު ކުރެވިފައިވާ ހދ. ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަން ވަނީ ތައްޔާރުވެފައެވެ.
މީގެ އިތުރުން، އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ މައި މަރުކަޒު ކުޅުދުއްފުށި ސިޓީ ތަރައްގީކުރުމުގެ މަސައްކަތް ވެސް ތަރުތީބު ކުރެވިފައިވާ ކަމަށާއި، ހދ. ނޮޅިވަރަމް، ހދ. ނޮޅިވަރަންފަރު އަދި ހދ. މަކުނުދޫއަކީ ދެމެހެއްޓެނިވި ތަރައްގީގައި މުހިންމު ބައިވެރިން ކަމަށް ވިދާޅުވިއެވެ. އެއްވެސް ރަށެއް ބާކީ ނުކޮށް، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން ފުއްދަވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހއ. އަތޮޅުގެ ތަރައްގީއަށް ބަލާއިރު، ހއ. ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހއ. އިހަވަންދޫ، ހއ. ހޯރަފުށި ފަދަ ރަށްތަކުގައި ވެސް މަޝްރޫއުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ކަންކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ ބާރު ސްޕީޑެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސް ފުރިހަމަކުރުން ކަމަށާއި، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަޝްރޫއުތައް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.









