ހުޅުމާލެ ފޭސް ދޭއްގައި މިރޭ ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ ނިކަގަސްމަގުގައި ދެ ސައިކަލު ދުއްވަން ޖެހޭ ގޮތާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވައިގެން ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
ފުލުހުން މީޑިއާތަކަށް ދެއްވި މައުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވ. ނިޔާވެފައި ވަނީ ކ. ދިއްފުށީ، ލައިޓް ގާޑެން / އިސްމާއީލް ރަޔާން ބިން ނާޒިމް، 19 އަހަރުގެ ޒުވާނެކެވެ.
މައުލޫމާތު ލިބުނު ގޮތުގައި ނިޔާވި ޒުވާނާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެ ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންނަކީ ފިރިހެނުން ކަމަށާއި އެ މީހުންގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ، އެއް ސައިކަލު ނިކަގަސްމަގުން ދުއްވަން ޖެހޭ ގޮތާ ޚިލާފަށް، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެ މަގަށް އެޅުނު އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓާ ގުޅިގެން ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ދެ ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރު އެކްސިޑެންޓުތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2374 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި 2487 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ 113 އެކްސިޑެންޓްގެ އިތުރުވުމެކެވެ. މިފަދަ ހާދިސާތައް ގިނަވަމުންދާތީ ރައްޔިތުން މަގުމަތީގައި ސަމާލުކަންދިނުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.









