Search Streamline Icon: https://streamlinehq.com

ފަލަސްތީނުގެ ޓީމާއެކު މެޗުތައް މިމަހު 13 އިން 15 އަށް ގަލޮޅު ދަނޑުގައި

Big Dmph0dioycguseptvhitamcbf

މިމަހުގެ 13 އަދި 15 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި، ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ބައްދަލުކުރާ ދެ އެކުވެރިކަމުގެ މެޗަކީ ދިވެހި ކުޅުންތެރިންނަށް ފައިދާކުރާނެ މުހިންމު ދެ މެޗު ކަމަށް 17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗު ސަބާހު މުޙައްމަދު (ސޮބާ) ވިދާޅުވެއްޖެއެވެ.

މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނު ޓީމު ރާއްޖޭގައި ޓްރެއިނިން ކޭމްޕެއް ބޭއްވުމަށް ކުރި ޒިޔާރަތުގެ ތެރެއިންނެވެ.

ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ގައުމީޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެހީތެރިކަމަށް އެދުމުން، އެ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމަށް ހިނގާ ހުރިހާ ހަރަދުތަކާއި އިންތިޒާމްތައް ހަމަޖެއްސުމުގައި ދިވެހި ސަރުކާރުން ފުރިހަމަ އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ. މިކަމަށްޓަކައި ދިވެހި ސަރުކާރުން 546،000ރ. ހަމަޖައްސާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވިއެވެ.

ފަލަސްތީނުގެ ޓީމު ރާއްޖެއަށް އައުމުން، މާލެ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ޓީމަށް ވަނީ ވަޒީރު ރާފިއުއާއި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތާރިގު (ޓޮމް) އާއި އެ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެން، ރަތްފިނިފެންމަލުގެ މަރުަހަބާއެއް ކިޔައިފައެވެ. އެ ޓީމް މިހާރު ތިބީ މާފަންނުގައި ހުންނަ ބީހައިވް ހޮޓެލްގައެވެ. ވަޒީރު ރާފިއު ވިދާޅުވި ގޮތުގައި އެ މީހުންގެ ތަމްރީނުތައް މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އޮންނާނެއެވެ.

ދިވެހި ކުޅުންތެރިންނަށް މި މެޗުތަކުގެ މުހިންމުކަމާ ބެހޭގޮތުން ކޯޗު ސޮބާ ވިދާޅުވީ، ފަލަސްތީނަކީ ޖިސްމާނީ ގޮތުންނާއި ބުންވަރުގެ ގޮތުން އަދި ހުނަރުގެ ގޮތުންވެސް ރާއްޖެއަށްވުރެ ވަރުގަދަ ޓީމަކަށް ވާނެ ކަމަށް ބެލެވޭތީ، ކޮލިފައިންގެ ކުރިން މިފަދަ ބައިނަލްއަޤްވާމީ މެޗުތަކެއް ކުޅެލަން ލިބުމަކީ ކުޅުންތެރިންގެ ބިރު ފިލުވައި، ކޮންފިޑެންސް އިތުރުކުރުމަށް ވަރަށް މުހިންމު ދެ މެޗު ކަމުގައެވެ.

އެފްއޭއެމްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ދަތުރުގައި ފަލަސްތީނުގެ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗު މިމަހުގެ 13 އަދި 15 ވަނަ ދުވަހުގެ ރޭގަނޑު 9:00 ޖަހާއިރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މެޗުތަކުން ލިބޭ އާމްދަނީ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާކުރުމުގެ ގޮތުން، ސްވެނިއާ ޓިކެޓުތަކެއް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. ކޮންމެ މެޗެއްގައިވެސް 50 ޕްލެޓިނަމް ޓިކެޓު (1000ރ.) އަދި 200 ގޯލްޑް ޓިކެޓު (500ރ.) ވިއްކާނެއެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ 2025 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ. ރާއްޖެ ހިމެނެނީ ގްރޫޕް ޑީގައެވެ. މި ގްރޫޕްގެ މެޗުތައް މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގައި ކުރިއަށްދާނެއެވެ. ރާއްޖެ އެންމެ ފުރަތަމަ ނުކުންނާނީ ނޮވެމްބަރު 22 ގައި މޮންގޯލިއާއާ ދެކޮޅަށެވެ. އެއަށްފަހު ނޮވެމްބަރު 26 ގައި ތައިލޭންޑާ ދެކޮޅަށް އަދި ނޮވެމްބަރު 28 ގައި ކުވައިތާ ދެކޮޅަށް ކުޅޭނެއެވެ. މި ގްރޫޕްގައި ތައިލޭންޑް، ކުވައިތު، ތުރުކުމެނިސްތާން އަދި މޮންގޯލިއާވެސް ހިމެނެއެވެ.

ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕް ނިންމުމަށް ފަހު، މިމަހުގެ 19 ވަނަ ދުވަހު އެ ޓީމް ދަތުރުކުރާނީ ކޮލިފައިން މެޗުތައް ކުޅުމަށް އިންޑިއާއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *