ގިނަ ދުވަސްތަކެއްވަންދެން ފެނުގެ ވަސީލަތްތައް ރަނގަޅަށް ބަލަހައްޓާފައިނުވުމާއި، މިދިޔަ 60 އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ހަނަފަސް ދުވަސްވަރާ ގުޅިގެން، އީރާނަށް ފެނުގެ ވަރަށް ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ވެރިރަށް ތެހެރާނުގެ 10 މިލިއަން ރައްޔިތުންނަށް ދުވާލަކު ވަކި މިންވަރަކަށް ފެން ބަހަން ވަނީ ފަށާފައެވެ.
އީރާނުގެ ސަރުކާރުގެ ފަރާތުން އަންނަނީ މި ކާރިސާ ގޯސްވެއްޖެނަމަ، ތެހެރާނުގެ ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިންޒާރު ދެމުންނެވެ. އަދި އަންނަ މަހު ވާރޭ ނުވެހިއްޖެނަމަ، ފެނަށް ޖެހި، ހާލަތު ވަރަށް ނާޒުކުވެދާނެއެވެ.
ތެހެރާނަށް ފެން ފޯރުކޮށްދޭ ފަސް މައި ރިޒާވު ވަނީ ތާރީޚީ ގޮތުން އެންމެ ދަށް ހާލަތަކަށް ވެއްޓިފައެވެ. މިހާރު އެ ރިޒާވުތަކުގައި ހުރީ އެތާނގެ ޖާގައިގެ އެންމެ 11 އިންސައްތަ ފެނެވެ. އީރާނުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަޝްހަދުގައި، 4 މިލިއަން ރައްޔިތުން ދިރިއުޅޭއިރު، އެ ސިޓީއަށް ފެން ފޯރުކޮށްދޭ ހަތަރު ޑޭމުގެ ތެރެއިން ތިން ތަނެއް ހަލާކުވެ، ރިޒާވުތަކުގައި ވަނީ 3 އިންސައްތައަށްވުރެ މަދު ފެނެވެ. މިހާރުވެސް ތެހެރާނުގައި ރޭގަނޑު ވަކި ގަޑިތަކެއްގައި ފެން ކެނޑުން ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކެނެޑާގައި ހުންނަ އދ.ގެ ވޯޓަރ، އެންވަޔަރަންމަންޓް، އެންޑް ހެލްތު އިންސްޓިޓިއުޓްގެ ޑިރެކްޓަރ ކާވޭ މަދަނީ ވިދާޅުވީ، ސަރުކާރުން ދެއްވާ އިންޒާރުތަކަކީ ހާލަތުގެ ހަޤީޤަތާ އަޅާ ބަލާއިރު ވަރަށް ކުޑަ އިންޒާރުތަކެއް ކަމަށެވެ. އިޓަލީގައި ހުންނަ ދެމެހެއްޓެނިވި ތަރައްޤީގެ މާހިރެއް ކަމަށްވާ އާޒަމް ބަހްރާމީ ވިދާޅުވީ، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ރަނގަޅު ރޭވުންތަކާއި، ފެން އިސްރާފުވާ ތަންތަން ދެނެގަނެ، އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
މިކާރިސާއަށް ހައްލެއް ހޯދުމަށް ސަރުކާރުން އަދި ވަކިގޮތެއް އަދި ނުނިންމާއިރު، ރައީސް މަސްޢޫދު ޕެޒެޝްކިއަން ވަނީ ފެނުގެ ކާރިސާ ގޯސްވެއްޖެނަމަ ތެހެރާނުގެ ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރަން ޖެހިދާނެ ކަމަށާއި، އަދި ވެރިރަށް ބަދަލުކުރުމުގެ ވާހަކަވެސް ދައްކަވާފައެވެ. ނަމަވެސް، މާހިރުން ދެކޭ ގޮތުގައި މިހާރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ މި ބޮޑު ކާރިސާއަށް ހައްލެއް ހޯދުމަށް ފުދޭވަރުގެ ފިޔަވަޅުތަކެއް ނޫނެވެ.









