ކޮންމެ ހަފްތާއަކުވެސް ބިރުދައްކައި ބްލެކްމެއިލް ކުރުމުގެ ދެމައްސަލަ ހުށަހެޅޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި ބިރުދައްކައިގެން ކަންތައްތައް ކުރުވާ މައްސަލަ މިހާރަކަށް އައިސް ވަރަށް ގިނަ ކަމަށާއި 18 އަހަރު ނުފުރޭ ކުޑަކުދިންވެސް އޭގެ ޝިކާރައަކަށް ވެގެންދާ ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވާ ގޮތުގައި ވަކިކަމެއް ކުރަން ބުނުމުން އެކަމަށް އިންކާރުކޮށްފިނަމަ ގެއްލުމެއް ދޭން ބުނެ ނުވަތަ ބިރުދައްކައިގެން ނުރުހުމުގައި މަންފާ ހޯދާ މައްސަލަތައް މިހާރު ވަރަށް ގިނަ ކަމަށެވެ.
މިފަދަ ކަމެއް ހިގާނަމަ ސިއްރުނުކޮށް ކަމާބެހޭ ފަރާތަށް އެންގުމަށާއި އިތުރު މީހަކާ ހިއްސާކުރަން ނުޖެހޭ ޒާތީ މައުލޫމާތު، އިތުބާރު ކުރެވޭ މީހަކާ ވެސް ހިއްސާނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަމިއްލައަށް މައްސަލަ ހުށަހަޅަން ނުކެރޭނަމަ އިތުބާރުކުރެވޭ މީހަކާ އެކަމެއް ހިއްސާކޮށް އެމީހެއްގެ އެހީތެރިކަމާއެކު ވެސް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ. ކުދިން ކުރާ ކަންތައްތައް ބަލައި ބެލެނެވެރިން އިތުރަށް ސަމާލުވާން ޖެހޭކަމަށާއި މީހުންނާ ހިއްސާކޮށްގެން ނުވާނެ މައުލޫމާތާއި ކަންކަން ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދީ، ވަކި ބާވަތެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވުމަށް މީހަކު އެދުނުކަމުގައި ވިޔަސް އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވުމަށާއި އެފަދަ ކަންކަމުގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާ ކުދިންގެ އުމުރާގުޅޭގޮތަށް ބުނެދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންވެސް ބްލެކްމެއިލްގެ ޝިކާރައަކަށް ވެގެންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
ބްލެކްމެއިލް ކުރުމުގެ ކަމެއް ހިނގާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންއަށް ރިޕޯޓު ކުރައްވާ: 3034417، 3000600، 9790163









