މުހިންމު މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ޑިސެމްބަރު މަހު ސްރީ ލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ހާމަކޮށްފި އެވެ.
މި ދަތުރުފުޅަކީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ލަންކާގެ ”އިކޮނޮމީ ނެކްސްޓް“ އާއި އެހެނިހެން ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވާނީ ޑިސެމްބަރު މަހުގެ ދެ ވަނަ ހަފުތާގައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި، އިގްތިސާދު، ފަތުރުވެރިކަން އަދި މައުލޫމާތު ބަދަލު ކުރުން ފަދަ ދާއިރާތަކާ ގުޅޭ ހަ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ނޫސްތަކުން ބުނެ އެވެ. މި ދަތުރުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރާނެ އާ ދޮރުތައް ހުޅުވުމެވެ.
މިދިޔަ ޖުލައި މަހު ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ލަންކާގެ ރައީސް ޑިސަނަޔަކެ މާލެ ވަޑައިގެންނެވި ދަތުރުފުޅުގައި، ދެ ގައުމުން ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ދަތުރުފުޅުގައި ރައީސް ޑިސަނަޔަކެ ވަނީ ދިވެހި ވިޔަފާރިވެރިން ލަންކާގައި އިންވެސްޓު ކުރުމަށް ދައުވަތު އެރުއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ސްރީ ލަންކާއަކީ ދިވެހި ވިޔަފާރިވެރިންނަށް އަބަދުވެސް އިތުބާރު ކުރެވޭނެ މަންޒިލެއް ކަމަށާއި، އައިޓީ، އޭއައި، ފިޝަރީޒް، އެގްރޯ ޕްރޮސެސިން، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް އަދި އާބަން އިންފްރާސްޓްރަކްޗާގެ ދާއިރާތަކުގައި އިންވެސްޓު ކުރުމަށް ފުރުސަތުތައް ހުޅުވިފައިވާ ކަމަށެވެ. ލަންކާއަކީ އިންވެސްޓަރުންނަށް ފަހި މަންޒިލަކަށް ހެދުމަށް މަސައްކަތްކުރައްވަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ރައީސް އޮފީހުން އާންމުކޮށް ބުނަނީ، ރައީސްގެ ދަތުރުފުޅުތަކާ ގުޅޭ މައުލޫމާތު އެކަމަށް އޮންނަ އުސޫލެއްގެ ދަށުން ހާމަކުރާނެ ކަމަށެވެ.
ސްރީ ލަންކާއަށް ރައީސް މުއިއްޒު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަކީ، އޭޕްރީލް 2019 ގައި ލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު އެ ގައުމުން ރާއްޖެއަށް ”ކަންޓްރީ އޮފް ސެކިއުރިޓީ ކޮންސާން“ ގެ ދަރަޖަ ދީފައިވާ ދަނޑިވަޅެއްގައެވެ. މި ސަބަބަށްޓަކައި އެ ގައުމުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އީސްޓާ ބޮމުގެ ހަމަލާގެ ކުރިން ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅުނު ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާރު އެ އަދަދު 1500 އަށް ވެއްޓިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.









