Search Streamline Icon: https://streamlinehq.com

ކުރީގެ ރައީސުންގެ ބައެއް އިނާޔަތް ކަނޑާލައި ނައިބުންނަށް އިނާޔަތް ދިނުމަށް އިސްލާހެއް ހުށަހަޅައިފި

Raees Yameen

ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

މި ބިލް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އިސްލާހުގައިވާ ގޮތުން ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ، އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެ އެވެ. މިގޮތުން، އެއް ދައުރު ފުރިހަމަކުރައްވާފައިވާ ބޭފުޅަކަށް ކޮންމެ މަހަކު ދައުލަތުން ދޭ 50,000ރ. އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް ކޮންމެ މަހަކު ދޭ 75,000ރ. ގެ މާލީ އިނާޔަތް ވެސް މި ހާލަތުގައި މެދުކެނޑޭނެ އެވެ. ހަމައެއާއެކު ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހަރަދުތަކަށް ދޭ 50,000ރ. ވެސް މެދުކެނޑޭނެ އެވެ.

އަދި ކުރީގެ ރައީސަކު ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާނަމަ، މާލީ އިނާޔަތާއި ދިރިއުޅުމުގެ ހަރަދު ހުއްޓޭނެއެވެ. މީގެ އިތުރުން، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ރައްކާތެރިކަން ދިނުން ލާޒިމެއް ނޫނެވެ.

ކުރީގެ ނައިބު ރައީސުންނަށް، މި އިސްލާހުގައި މަހަކު 25،000ރ. ގެ އިނާޔަތަކާއި، ރާއްޖެއިންނާއި ބޭރުން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިމަނާފައިވެއެވެ. ނައިބު ރައީސުންވެސް ދައުލަތުގެ އިތުރު މަގާމެއް އަދާކުރާނަމަ، އެ މުއްދަތަށް އިނާޔަތްތައް ހުއްޓޭނެއެވެ. ނައިބުންނަށް ދޭ އިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 300،000 ރުފިޔާ އަދި ނައިބުންނަށް ދޭ ބޭސްފަރުވާގެ ހަރަދަށް 700،000 ރުފިޔާ ހަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ބަދަލުތަކުގެ ސަބަބުން ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތުގެ ބަޖެޓުން ބޮޑުބައެއް ކުޑަވެ، ނައިބުންގެ އިނާޔަތަށް އަލަށް ހަރަދުތަކެއް ކުރަންޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *