Search Streamline Icon: https://streamlinehq.com

ތިން ބިލެއް ރައީސް މިއަދު ތަސްދީގުކުރައްވައިފި

Fandiyaarunge Bilu Raees Muizzu

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ދެ ބިލު ވެސް ތަސްދީޤުކުރައްވާފައެވެ.

މި ހުރިހާ ޤާނޫނުތަކަށް ވެސް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާޙާއެކު، ކައުންސިލްތަކުގެ ހުސްވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންތައް ކުރިން ކޮންމެ ވަގުތެއްގައި ބޭއްވޭ އުސޫލަށް ބަދަލު އައިސް، އަހަރަކު ދެ ފަހަރުގެ ތެރޭގައި ބޭއްވޭނެއެވެ. މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ އިންތިހާބުތަކާ ގުޅޭ ހަރަދުތައް ކުޑަކޮށް، އިންތިހާބީ ނިޒާމަށް ހަމަޖެހުމެއް ގެނައުމެވެ. މި ބައި-އިލެކްޝަންތައް ބާއްވާނެ ވަކި މުއްދަތުތަކެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާނެއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާޙާއެކު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު އަތޮޅު ކައުންސިލްތައް އުވިގެންދާނެއެވެ. ސިޓީ ކައުންސިލްގެ ޝަރުތު ނުހަމަވާ ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލްތަކުންނެވެ. މި ރަށު ކައުންސިލްތައް ޖަވާބުދާރީވާނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި އެ ރަށެއްގެ ރައްޔިތުންނަށެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ މެންބަރުންގެ އަދަދުތަކަށް ވެސް ބަދަލުތަކެއް ގެނެވިފައިވެއެވެ. 2000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށު ކައުންސިލަކަށް 3 މެންބަރުން (އަންހެން 1) އިންތިހާބުކުރާނެއެވެ. 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ރަށު ކައުންސިލަކަށް 5 މެންބަރުން (އަންހެން 2) އިންތިހާބުކުރާނެއެވެ. މާލެ ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން ހިމެނޭނެއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން، ކޮންމެ އަވަށަކަށް 1 ގޮނޑީގެ ނިސްބަތުން މެންބަރުން އިންތިހާބުކުރާނެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާ ގުޅޭގޮތުން ވެސް ބަދަލުތައް ގެނެވިފައިވާއިރު، ޑަބްލިޔުޑީސީގެ ރައީސަކީ ރައްޔިތުން އިންތިހާބުކުރާ ފުލްޓައިމް މެންބަރެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ އެއް މެންބަރު ހިމެނުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *