Search Streamline Icon: https://streamlinehq.com

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއްގައި ތާރު އަޅަން ފަށައިފި

G6ibbkeawaeadfa 876x584

މާލޭގެ އެންމެ ބޭރުގައިވާ ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ހަތަރު ލޭނަކަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީން (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ) ކަމަށްވާއިރު، އެ ކުންފުނިން ހާމަކުރި ގޮތުގައި ސެގްމެންޓް އެކެއްގެ މަސައްކަތުގެ 97 އިންސައްތަ ނިމި، ތާރު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ބޮޑުތަކުރުފާނު މަގުގައި ރޯޑް މާކިން އާއި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް އަންނަ ހަފްތާއެއްގެ ތެރޭގައި ނިމޭނެ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މާލޭގެ އެންމެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގައެވެ. ތިން ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހެދުމާއި، 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ތާރު އެޅުމާއި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި ފެން ހިންދާ ޒަމާނީ ނިޒާމެއް ވެސް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން، ޚާއްސަ ގޮތެއްގައި ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް، 4 ލޭނަށް ފުޅާކުރެވިގެން 830 މީޓަރުގެ މަގުގައި ތާރު އެޅި، ދުވާރުތައް ހެދި، ފެން ހިންދާ ނިޒާމް ޤާއިމުކުރެވޭނެއެވެ. އަދި މަގުގައި ރޯޑް މާކިން އަދި ސައިން ބޯޑްތައް ހަރުކުރެވޭނެއެވެ.

މިއީ 144 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެމްޓީސީސީން ވިދާޅުވީ، މިހާރު މަސައްކަތުގެ ދަށުން ކުރިއަށްދަނީ ސަބް ގްރޭޑްގެ މަސައްކަތް ނިމި، އޭބީސީ އެޅުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން މަގުގެ އަޑީގައި އަޅާ ޔުޓިލިޓީ ނެޓްވޯކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތާއި ޕޭމަންޓް ހެދުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *