Search Streamline Icon: https://streamlinehq.com

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

Addoo City Drugs

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދަވާ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މިޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.

މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންނެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށްވަނީ ހޯދިފައެވެ. އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި، ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

މިމައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *