މި ހިނގާ ޑިސެމްބަރ މަހުގެ 11 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ދެވަނަ ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ސަޢުދީން ރާއްޖެއަށް ވަޑައިގެންނެވި މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަޢުދީ ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ އާއި އެ ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.
މި ދަތުރުފުޅުގައި އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި ރަސްމީކޮށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެއެވެ.
އިސްލާޟިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ސަޢުދީގެ މިވަފުދުގެ ބޭފުޅުން ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތް ކުރުމާއި ޒުވާން ޚަޠީބުންނާއި ޙާފިޡުން އަދި އިމާމުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާނެއެވެ.
މިއަހަރުގެ ޙައްޖު އަދި ޢުމްރާ ކޮންފަރެންސް މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ކޮންފަރެންސްގައިވެސް ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީސް ހާމަކުރައްވައެވެ.









