ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލައިގައި 11 (އެގާރަ) މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
މި މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން އެދުނުނަމަވެސް ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް 10 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމުގައެވެ.
ދައުވާކުރުމަށް ޕީޖީން އެދިފައިވާ 10 މީހުންގެ ތެރޭގައި ހިމެނިފައިވަނީ
- ބ. އޭދަފުށި،ދިގަލި، މުހައްމަދު ވަހީދު.
- މއ. އެވަރގްލޯރީ، އަހްމަދު އާރިފް.
- ހ. ނިއުހެޕިނަސް، މުޢާޒް އަލީ އެވެ.
މި ތިންމީހުންގެ މައްޗަށް އުފުލާފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މީގެ އިތުރުން މި މައްސަލާގައި ދައުވާ އުފުލާފައިވަނީ
- ހދ. ވައިކަރަދޫ،މެދުރީގެ، ޒިވާރު އިސްމާއީލް.
- ހދ. ވައިކަރަދޫ،ނޫރަލީގެ، އަހްމަދު ޝަހީމް.
- ހ. ރުމޭނިޔާ،އަހްމަދު ފިރުސާންގެ މައްޗަށެވެ.
މި ތިންމީހުންގެ މައްޗަށް އުފުލި ދައުވާއަކީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
މީގެ އިތުރުން ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހް އާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން އާއި ބަނގުލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު އަލަމިން މިއާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދައެވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ މީހުން، މި ކުށުގެ އަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށް ވެސް ޕީޖީން ބުނެއެވެ. އަދި މި ދަޢުވާތަށް ސާބިތުވާ ހާލަތުގައި، ކުށުގެ އަމަލުގެ ޒާތާއި ބާވަތާއި، ހައްސާސްކަމަށް ރިއާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ޕީޖީން ކޯޓުގައި އެދޭނެ ކަމަށްވެސް ބުނެއެވެ.









