މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރައްމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މި ދެ އޮޕަރޭޝަން ވެސް ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި ދެ އޮޕަރޭޝަންގެ ތެރެއިން ފުރަތަމަ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ކުދީނާގެ، އަޔާޒު އާދަމް (26އ) އާއި ރ. ދުވާފަރު / އިހާ، އަބްދުﷲ ނިހާން (26އ) އެވެ. މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ދެވަނަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / މެހެލް، އަބްދުﷲ ރަޝީދު (40އ) އެވެ. މީނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ކަރުދާސްކޮޅާއި، ރަބަރު ޕެކެޓަކާއި ފަސް ވޭޕް ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިންމީހުންވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަވަނީ ތަހުގީގުކުރައްވަމުންނެވެ.









