Search Streamline Icon: https://streamlinehq.com

ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ އަވަނާއި ތެލި ފަދަ ތަކެތީގައި ފޮރުވައިގެން: ފުލުހުން

Screenshot 2025 12 24

މި ފަހަކަށް އައިސް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަނީ ވައިގެ އަދި ކަނޑުގެ ކާގޯ މެދުވެރިކޮށް، އަވަނާއި ތެލިފަދަ ބަދިގޭގެ ސާމާނުތަކުގެ ތެރޭގައި ފޮރުވައިގެން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހް މުހައްމަދު ވިދާޅުވި ގޮތުގައި ސައުތު އީސްޓް އޭޝިޔާ ސަރަހައްދުގައި، ޚާއްސަކޮށް ތައިލެންޑާއި މެލޭޝިޔާގައި ދިވެހިން ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން ފާހަގަކުރެވި، މިގޮތަށް ހަރަކާތްތެރިވާ ތިން މީހެއްގެ ކަންކަން މިހާރު ދަނީ ބަލަމުންނެވެ.

ފުލުހުން ބުނެފައިވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް، މިފަދަ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް ރާއްޖެ ގެނެސް ތަހުގީގު ކުރާނެ ކަމަށެވެ.

ފުލުހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު، މި އަހަރުގެ ޖެނުއަރީ 1 އިން މެއި 20 ވަނަ ދުވަހާ ހަމައަށް މަސްތުވާތަކެތީގެ 648 މައްސަލަ ތަހުގީގުކޮށްފައިވެއެވެ. އޭގެތެރެއިން 335 މައްސަލަ ދައުވާ އުފުލުމަށް ޕީޖީއަށް ފޮނުވާފައިވާއިރު، 53 މައްސަލައަކީ ބޮޑެތި މައްސަލަތަކެވެ. މިވަގުތު ޑްރަގް އެންފޯސްމެންޓުގައި 33 މައްސަލައެއް ތަހުގީގު ކުރިއަށްދާއިރު، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ 30 މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ. ބައެއް މައްސަލަތައް ދައުވާ އުފުލުމަށް ޕީޖީއަށް ނުފޮނެވި ހުރެނީ، އެ މީހުންނާ ދެކޮޅަށް އެހެން މަސްތުވާތަކެތީގެ މައްސަލައެއް ޑްރަގް ކޯޓުގައި ކުރިއަށް ދާތީއެވެ.

މި އަހަރުގެ މިހާތަނަށް 498.99 ކިލޯގެ މަސްތުވާތަކެއްޗާއި، 6860 ފުޅި ނުވަތަ ދަޅުގެ ބަނގުރާ އަތުލައިގަނެވިފައިވާ ކަމަށާއި، މި ތަކެތީގެ މަގުމަތީ އަގު 975 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ފުލުހުން ލަފާކުރެއެވެ. މާލޭގައި ވިޔަފާރީގެ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ 50 ތަނެއް ފާހަގަކުރެވިފައިވާ އިރު، މި އަހަރުގެ ތެރޭގައި 11 ތަން ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް މިހާރުވެސް ގާތްގަނޑަކަށް 20 ތަން ހިންގަމުންދާ ކަމަށް ފުލުހުން ލަފާކުރެއެވެ.

މަސްތުވާތަކެއްޗާ ގުޅޭގޮތުން ހިންގި އޮޕަރޭޝަންތަކުގައި 16024 މީހުންނާ ސުވާލުކުރެވި، 997 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި 188 މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގާފައިވާ އިރު، 137 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. 301 މީހަކު ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ނިޒާމަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ.

ފުލުހުން ބުނެފައިވަނީ މަސްތުވާތަކެއްޗަކީ ރާއްޖޭގެ މުޖުތަމައަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، މިކަމާ ދެކޮޅަށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *