Search Streamline Icon: https://streamlinehq.com

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވުމުގެ ބަދަލުގައި ބޮޑެތި ގޯސްތަކެއް ފެންނާނެ: ރައީސް ޔާމީން

Raees Yaameen fenvaru Online

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވުމުގެ ބަދަލުގައި ބޮޑެތި ގޯސްތަކެއް ފެނިގެންދާނެކަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ވަނީ ޤާނޫނުއަސާސީއަށް އިޞްލާހް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. ދައުރުން ބޭރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަހެޅުމަށާއި އިބްތިދާއީ ބަހުސް ފެށުމަށް ވަނީ އެޖެންޑާކޮށްފައެވެ. އެ ޖަލްސާގެ އެޖެންޑާގައި ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރު ފަރާތުން ތިން ބިލެއް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

ޕީއެންއެފް ފްރޮންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަމުން ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަކީ އެކަކު އަނެކެއްގެ މައްޗަށް ފާރަވެރިވާ ދެބާރު ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ފަހު، ތިން ހަތަރު މަސް ފަހުން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވާއިރު، ރައީސުލްޖުމްޖޫރިއްޔާގެ މަސައްކަތްތަައް ވަޒަންކޮށްލަން ރައްޔިތުންނަށް ވެސް ފުރުޞަތު ލިބޭ ކަމުގައެވެ. ނަމަވެސް މި ދެ އިންތިޚާބު އެއްކޮށްލުމުން ރައީސުލްޖުމްހޫރިއްޔާ ކަންތައް ކުރާ ގޮތެއް ބަލައި، ފާރަވެރިވާނެ މަޖިލީހެއް އިންތިޚާބު ނުކުރެވޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ދެ އިންތިޚާބު އެއްކުރަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބަދަލާއެކު ރައްޔިތުންގެ މާ ބޮޑު މަސްލަހަތެއް ގެއްލޭ ކަމުގައެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލްގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވަންވާނީ ދެ އިންތިޚާބު އެކީގައި ކަމަށް ކަނޑައެޅުން ކަމުގައެވެ. އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިޞްލާހުކޮށް، ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިޞްލާހުތައް ގެނައުމަކީވެސް އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *