Search Streamline Icon: https://streamlinehq.com

ޑިސެމްބަރު މަހު ސްކޭމްގެ މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިއްޖެ

602349652 1177905917862468 2918193278173508890 n

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ހިންގި އެކި ކަހަލަ ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަހަކީ ސްކޭމްގެ މައްސަލަތައް އާދަޔާ ހިލާފަށް ގިނަވި މަހެކެވެ. އެގޮތުން ޖުމްލަ 179 މައްސަލައެއް އެ ސެންޓަރަށް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި އާންމުންގެ އަތުން 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ އިރު، ފުލުހުން ކުރި މަސައްކަތުން 89 މައްސަލައެއްގައި ގެއްލުނު ފައިސާ އެއްކޮށް ވަނީ ހޯދައިދީފައެވެ. އަދި 45 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ރިކަވާ ކުރެވިފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ.

ޑިސެމްބަރު މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި ސްކޭމްތަކެވެ. އެފަދަ 80 މައްސަލައެއް ފާހަގަވެފައިވާ އިރު، އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދުމުގެ 44 މައްސަލައަކާއި، ޑޮލަރު ނުވަތަ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 31 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 16 މައްސަލައެއް ހިމެނޭހެން އެހެނިހެން ބާވަތުގެ 16 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އެންޓި-ސްކޭމް ސެންޓަރުން ބުނި ގޮތުގައި، ނޮވެމްބަރު މަހު ގެއްލުނު ފައިސާ ވެސް ހިމެނޭހެން، މިދިޔަ މަހު ޖުމްލަ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ރިކަވާ ކުރެވިފައެވެ.

ސްކޭމްތަކުން އާންމުން ރައްކާތެރިކުރުމަށްޓަކައި ފުލުހުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޝައްކު ކުރެވޭ ލިންކުތަކަށް ނުފިތުމަށާއި، ފައިސާގެ މުއާމަލާތް ކުރުމުގެ ކުރިން އެއީ ކާކުކަން ޔަގީން ކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އޮންލައިންކޮށް މުދާ ގަންނަ ނަމަ، މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށާއި، ފައިސާ މާރުކުރާ ނަމަ އެމް.އެމް.އޭ އިން ހުއްދަ އޮތް ތަނެއްތޯ ބެލުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

ހެޑް އޮފް އެންޓި-ސްކޭމް ސެންޓަރު، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވި ގޮތުގައި، އެ ސެންޓަރު ގާއިމްކުރި ފަހުން ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ސްކޭމްތަކުގައި ގެއްލުނު ފައިސާގެ 37 އިންސައްތަ ވަނީ އަނބުރާ ހޯދިފައެވެ. މިއީ އެހެން ގައުމުތަކާ އަޅާބަލާއިރު ބޮޑު ކާމިޔާބީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ސެންޓަރު ހުޅުވި ފަހުން މިހާތަނަށް 1,663 މައްސަލަ ރިޕޯޓުކޮށްފައިވާ އިރު، އާންމުންގެ އަތުން 22.7 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ. އޭގެ ތެރެއިން 8.5 މިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *