ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މި ހަފުތާގެ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މި މަހުގެ 17 ވާ ހޮނިހިރު ދުވަހުން ފެށިގެން ކެންޑިޑެސީ ހުށަހެޅުމުގެ ރަސްމީ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. މި ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް ދެމިއޮންނާނެއެވެ.
އީސީން މިހާރު ވެސް ކެންޑިޑޭޓުންގެ ޑިޖިޓަލް ޕޯޓަލް އާންމުކޮށް ހުޅުވާލާފައިވީ ނަމަވެސް، ރަސްމީކޮށް ފޯމު ހުށަހެޅޭނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ’އީފާސް‘ މެދުވެރިކޮށް ޕޯޓަލްއަށް ވަދެ ފޯމު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންގެ އެންޑޯޒްމަންޓް ކަންކަން ’ސިމެދަ‘ ޕޯޓަލް މެދުވެރިކޮށް ކުރިއަށްދާނެއެވެ.
އަމިއްލަ ގޮތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން، އެ ދާއިރާއަކުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހެއެވެ. މި ތާއީދު އޮތްތޯ ބަލާނީ އީސީގެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ދެވޭ ޑިޖިޓަލް ތާއީދަކުންނެވެ. ނަމަވެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން މިފަދަ ތާއީދެއް ހޯދާކަށް ނުޖެހޭނެއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި 150,410 ފިރިހެނުންނާއި 144,527 އަންހެނުން ހިމެނެއެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު، މިފަހަރުގެ އިންތިޚާބުގައި މެންބަރުން ހޮވާ އަދަދުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން:
- ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން.
- ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން.
- 132 ރަށަކުން ހޮވާނީ 3 ކައުންސިލަރުން.
- 46 ރަށަކުން ހޮވާނީ 5 ކައުންސިލަރުން.
މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕީއެންސީން މިދިޔަ މަހު ޕްރައިމަރީ ބާއްވާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ މާދަމާ ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކެންޑިޑެސީ ހުށަހެޅުމުގެ ކަންކަން ނިންމުމަށް އިލްތިމާސްކޮށްފައެވެ.









