Search Streamline Icon: https://streamlinehq.com

ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

Bangladesh Maldives

ދިގުރަށުގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫއްރިއްޔާގެ މެސެޖުގައި އދ. ދިގުރަށުގައި 13 މާރިޗް 2026ގައި ހިނގި އަލިފާނުގެ ހިތާމަވެރި ޙާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވުމާއި، އިތުރު ދެ ރައްޔިތަކަށް އަނިޔާވެފައިވާ މި ނުރައްކާތެރި ޙާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ވަނީ ހާމަކުރައްވާފައެވެ.

ރައީސްގެ ސިޓީފުޅުގައި މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނާއި، ޚާއްސަކޮށް، ޙާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި އެމަނިކުފާނާއި، ދިވެހި ރައްޔިތުން ތިބީ، މި ޙާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙާދިސާގައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއްކަމަށާއި، މި ޙާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި ޙާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ޙާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި