Search Streamline Icon: https://streamlinehq.com

ގިރާވަރުފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފެށޭނެ: ރައީސުލްޖުމްހޫރިއްޔާ

Giraavaru

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އޭޕްރިލް މަހު ނިންމައި، އަންނަ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގެ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ގިރާވަރުފަޅު ބިން ހިއްކުން މިހާރު ގޮަސްފައިވާ ހިސާބުގެ ފޮޓޯއެއް ޙިއްޞާ ކުރަވަމުން އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިޔަށްދާކަމުގައެވެ.

”އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވާ ސަރުކާރުގެ ސިޔާސަތު ހާމަކުރެއްވުމުގެ އިތުރުން ސަރުކާރުގެ މުހިންމު މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ގިރާވަރުފަޅުގެ ބިން ހިއްކަން ފެށުނުކަންވެސް އެމަނިކުފާނު ވަނީ އިޢުލާނުކުރައްވާފައެވެ. އަދި ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 104“ ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ގޯތި ދެއްވާނީ ކަނޑަކުން ނޫން ކަމަށާއި، ގޯތި ދެއްވާނީ ހިކިފަސް ތަނުން ކަމުގައެވެ. އަދި މި އަމާޒަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް 3 ގައި ބިން ހިއްކާ ނިމުމުން ގޯތިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ހާމަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި