Search Streamline Icon: https://streamlinehq.com

ފަހުގެ

މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްޞަ ޤާނޫނެއް ތައާރަފްކުރުމުގެ ބިލު، ރައްޔިތުންގެ މަޖިލީހަށް މި ދައުރުގައި ހުށަހަޅާނެ: ރައީސް

Raees Muizzu

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ސްޓްރީމްލައިންކޮށް ކަށަވަރުކޮށްގެން ކުރަންޖެހޭ ކަމެއްކަން ސަރުކާރުން ޤަބޫލުކުރައްވާ ކަމުގައި އެމަނިފާނު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށް، ބިލު ތަޞްދީޤުކުރެއްވުމާއެކު، މަރުގެ ޙުކުމް ތަންފީޒުކުރުމަށް ޝަރުޢީ މަރުޙަލާތައް ފުރިހަމަވެފައިވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް، މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިއީ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގައި އަދުލުއިންސާފާއި، އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު 1954 ވަނަ އަހަރުގެ ފަހުން އަދި މިހާތަނަށް ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް 2024 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި