ރާއްޖެއިން ބޭސް ލިބުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މައްސަލައިގައި، ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ރަސްމީކޮށް އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި، ބޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ބޭސްކުންފުނި ކަމަށްވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިތުރުން، އަސާސީ ބޭސްތަކުގެ ލިސްޓު މުރާޖައާކުރާ ކޮމިޓީގެ މެންބަރުން ހާޒިރުކޮށްދިނުމަށް ކުޑޫ ވަނީ ރަސްމީކޮށް ހުށަހަޅުއްވާފައެވެ.
މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅައި، ތަފާތު ކުންފުނިތަކާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވީ ނަމަވެސް، އާންމުންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ލިބިފައިނުވެއެވެ. ހާއްސަކޮށް، އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސޯޑާ (އޭޑީއެޗްޑީ) ތަހައްމަލުކުރަމުންދާ ކުދިންނަށް ދެވޭ އެންމެ މުހިންމު ފަރުވާ ކަމަށްވާ ”މެތައިލްފެނިޑޭޓް“ ރާއްޖެއިން ފަސޭހައިން ނުލިބޭ ކަމުގެ ޝަކުވާ ގިނަ ބެލެނިވެރިން ދަނީ ހުށަހަޅަމުންނެވެ.
”އަޅުގަނޑުމެންގެ އަވައްޓެރި ބައެއް ޤައުމުތަކުގައި ވެސް ބައިނަލްއަގުވާމީ އުޞޫލުތަކާ އެއްގޮތަށް މި ބައްޔަށް ދެވޭ އެންމެ ފުރަތަމަ ފަރުވާއެއްގެ ގޮތުގައި މެތައިލްފެނިޑޭޓް ދަނީ ފޯރުކޮށްދެމުންނެވެ. ރާއްޖެއިން މި ފަރުވާ ނުލިބުމުގެ ސަބަބުން ގިނަ ކުދިންތަކެއް މި ބޭސް ހޯދުމަށް އަވައްޓެރި ޤައުމުތަކަށް ދާންޖެހުމަކީ އެފަދަ އާއިލާތަކަށް ލިބޭ ނިކަމެތިކަމެކެވެ،“ ކުޑޫ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
ކުޑޫ ވިދާޅުވި ގޮތުގައި، މި ބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންގެ ދިރިއުޅުމަށާއި ކިޔެވުމަށް ނުހަނު ބޭނުންތެރި، އެންމެ އަސާސީ ބޭހެވެ. ބޭސް ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން ކުދިންގެ ހާލަތު ގޯސްވަމުންދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީވުން ލަސްވެގެން ދިއުމަކީ ބަލެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކުޑޫ މިދިޔަ ޑިސެންބަރު މަހު ވެސް މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް، އެ ފަހަރު ޕީއެންސީގެ މެޖޯރިޓީން ވަނީ ހުށަހެޅުން ބޭރުކޮށްލާފައެވެ. މިފަހަރު ހުށަހެޅުއްވި ސިޓީގައި، ކަމާ ގުޅޭ ހުރިހާ ފަރާތްތައް ކޮމިޓީ ތެރެއިން ޖަވާބުދާރީ ކުރުވައި، ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމަށް ކުޑޫ ވަނީ ގޮވާލައްވާފައެވެ.
މިދިޔަ ދޮޅު އަހަރެއްހާ ދުވަހަކީ ބޭސް ސިޓީއަށް ސަލާން ޖެހުން އަލުން އިއާދަވި ދުވަސްތަކެއްގެ ގޮތުގައި ގިނަ ރައްޔިތުން ސިފަކުރަމުންދާ ދުވަސްތަކެކެވެ. ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ޖަވާބުދާރީވެ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ މިވަގުތު ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ








