ޒިންމާދާރު ނޫސްވެރިކަމަކީ އެންމެ އަވަހަށް ޚަބަރެއް ފޯރުކޮށްދިނުމުގެ ވިސްނުމުގައި ”ބްރޭކިންގް ނިއުސް“ އެއް ތައްޔާރުކުރާއިރުވެސް، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ޓީވީއެމްގައި ބޭއްވި އެވޯޑް ޝޯ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަނީ ޕީއެސްއެމް ނިއުސް ޓީމަކީ ތަޢުލީމީ އަދި ފަންނުވެރި ބައެއްކަން ފާހަގަކުރައްވާފައެވެ. އަދި ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާއިރު ނޫސްވެރިކަމުގެ ހަރުދަނާ ސިފަތަކަށް ސަމާލުކަން ދިނުމަށާއި، ދިވެހިބަސް ކުރިއަރުވައި، ކުޑަކުދިން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށް މަސައްކަތް ކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
ޕީއެސްއެމްގައި 17 އަހަރު ޚިދުމަތް ކުރައްވާފައިވާ ވަޒީރު ހީނާ ވަލީދުގެ ފަރާތުން ލިބުނު އެހީތެރިކަމަށްޓަކައި، އެ ޗެނަލްގެ ޑެޕިއުޓީ ޑިރެކްޓަރ އަޙުމަދު ޖަދުވާން ވަނީ މި ހަފުލާގައި ޝުކުރު އަދާކުރައްވާފައެވެ.
މި ހަފުލާގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، ޓީވީއެމްގެ ނިއުސް ޓީމަކީ ރާއްޖޭގައި އޮތް އެންމެ ތަޖުރިބާކާރު ޓީމު ކަމަށެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި، އާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް އަންނަ އަހަރު ފަރުމާކުރައްވާނެކަން ޝަކީބު އިޢުލާންކުރެއްވިއެވެ.
ޕީއެސްއެމް ނިއުސްގެ ކާމިޔާބީއަށް ބަލާއިރު، މިދިޔަ އަހަރު އެވްރެޖްކޮށް 2 މިލިއަން ވިއުސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެ ޗެނަލުން ތައްޔާރުކުރި ”މިނިވަން ދިވެހިރާއްޖެ“ ޑޮކިއުމަންޓްރީ ވަނީ އެންމެ މޮޅު ޑޮކިއުމަންޓްރީގެ އެވޯޑް ހޯދާފައެވެ.
ތަފާތު 19 ދާއިރާއަކުން އެވޯޑް ދެވުނު މިރޭގެ ހަފުލާގައި، ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަކަށް ހޮވުނީ ހަފީޒާ އަބްދުއްސައްތާރެވެ.








