ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީ ވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ، މި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާކަމަށާ، ނިޔާވި މީހާއާއި ގެއްލިގެން ހޯދަމުންދާ މީހުންގެ ޢާއިލާތަކާއި ހެޔޮ އެދޭ ފަރާތްތަކަށް، ހެޔޮ ދުޢާކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.
އަދި ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އަދި މިކަމަށްޓަކައި ކުރިއަށްގެންދާ ރިކަވަރީ އޮޕަރޭޝަންގައި އިޓަލީވިލާތުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްވެސް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.









