Search Streamline Icon: https://streamlinehq.com

ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މިއަދުވެސް 30 ކޭސް

Thinadhoo

ގދ.ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލެއްނެތި ދަނީ ފެތުރެމުންނެވެ. އެގޮތުން މިއަދު އެކަނިވެސް 30 މީހުން ފައްސިވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ގދ.ތިނަދޫއިން މިހާތަނަށް 493 މީހުން މިވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި 277 އެކްޓިވް ކޭސްއަށް ފަރުވާ ހޯދަމުންދާއިރު މިހާތަނަށް ނެގުނު ސާމްޕަލް ތަކުގެ ތެރެއިން ނަތީޖާ ނުލިބޭ 111 ސާމްޕަލް އަދި އެބަހުއްޓެވެ.

މިދިޔަ އޭޕްރީލްމަހުގައި ކަރަންޓީނުގައި ނެތް މީހަކު ފައްސިވުމާއި ގުޅިގެން ތިނަދޫ މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އޭގެ ފަހުންވެސް ނެގުނު ރޭންޑަމް ސާމްޕަލްތަކެއް ފައްސިވެފައިވާތީ ތިނަދޫގައި ހަވީރު 4 އިން ފަތިހު 4އަށް އަންނަނީ ކާފިއު ހިންގަމުންނެވެ. މިސްކިތްތަކުގައި ނަމާދުކުރުންވެސް މިވަނީ މެދުކަނޑާލާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތައް އަޅަމުން އަންނައިރުވެސް މިބަލި ކޮންޓްރޯލްނުވެ މިހާރު މިވަނީ ކަމިއުނިޓީ ސްޕްރެޑްއަކަށް ބަދަލުވެފައެވެ. އެހެންކަމުން 20 ޖޫން 2021 ވަނަ ދުވަހުން ފެށިގެން ތިނަދޫގައި މިވަނީ ފިޔަވަޅުތައް އިތުރުކޮށްފައެވެ. އެގޮތުން ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް ފުލުހުން ކަނޑައަޅާ ގޮތެއްގެ މަތިން ކޮންމެ ގޭބީސީއަކަށް 2 ޕާމިޓު ދޫކުރަން ވަނީ ނިންމައިފައެވެ. އަދި ތިނަދޫގައި ސައި ހޮޓާ، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ދިނުން ހުއްޓައިލުމަށް ވެސް ވަނީ ނިންމައިފައެވެ. ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 8އިން ރޭގަނޑު 10އަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން އެކަނި ހުރެ ކުރާ ކަސްރަތު ކުރުމަށް ފަތިހު 5:30އިން ހެނދުނު 7:00އަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުންވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *