މިދިޔަ އާދީއްތަ ދުވަހު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފެށި މައްސަލައިގައި ފުލުހުން އާންމުންގެ އެހީއަށް ނޭދި އޮތުމުން ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފުލުހުންނާއި ސުވާލެއް އަމާޒު ކުރައްވައިފިއެވެ.
ޝިޔާމް ފުލުހުންގެ ކިބައިން ސާފުކުރަން އެދިވަޑައިގެން ކުރެއްވި ސުވާލަކީ އާދީއްތަ ދުވަހުން ފެށިގެން ކުއްޖާ ހޯދާކަން އާއްމުންނަށް ނޭންގީ ކީއްވެހެއްޔެވެ؟ އޭގެ އިތުރުން މިވެށީގައި ރައްކާތެރިކަން އޮތީ ކާކަށްތޯ ވެސް ޝިޔާމް ސުވާލު ކުރެއްވިއެވެ.
މިކުއްޖާ ރަހީނުކުރުމަށްފަހި މަރާލާފައި އެއްލާލާފައި އޮތީ ހުޅުމާލޭ ހިޔާ ފްލެޓްތަކާއި ދިމާ މޫދަށެވެ. ބައެއް މީހުން ބުނާގޮތުގައި އެކުއްޖާ މަރާލާފައި ހަށިގަނޑު އޮތީ ފޮއްޓަކަށް ލާފަ މޫދަށް އެއްލާލާފައެވެ. އެކުއްޖާގެ ކަރުގައި އެއްޗެއް އައްސާފައި ހުރި ކަމުގެ ނިޝާންވެސް ފެންނަން ހުއްޓެވެ. އަދި މިކުއްޖާއަށް އަނިޔާކޮށްފައިވާކަމަށް އާއްމުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ފުލުހުން ރޭ ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖޫން 20 ވަނަ ދުވަހު ކަމަށާއި ރަހީނުކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނީ އާދީއްތަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 13 އަހަރުގެ ކުއްޖާކަމަށެވެ. އަދި ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އާއްމުގޮތެއްގައި މީހަކު ގެއްލިގެން ހޯދާނަމަ ފުލުހުން އާއްމުންގެ އެހީއަށް އެދެއެވެ. އެހެންނަމަވެސް މި މައްސަލައިގައި އާއްމުންގެ އެހީއަށް ފުލުހުން އެދިފައި ނުވާތީ އެކަމާ ޝިޔާމް ވަނީ ސުވާލު އުފައްދާފައެވެ.
އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ރޭ ދަންވަރު 02:30 ގައެވެ. މަރުވެފައި އޮއްވާ ފެނުނު ކުއްޖަކީ ގދ.މަޑަވެލީ ކުއްޖެކެވެ.









