އެއްދުވަހަކު މާތްނަބިއްޔާ މުޙައްމަދު ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަސްހާބު ބޭކަލުންނާއި އެކު މަޖިލީހެއްގައި އިންނަވާފައި ހަދީޘްފުޅު ކުރެއްވިއެވެ.
”ތިޔަބޭކަލުންކުރެ ބޭކަލަކު ސުވަރުގެ ވަންތަވެރިއަކާ ދިމާލަށް ބައްލަވާލަން ބޭނުންފުޅު ހެއްޔެވެ.؟ އެހެންކަމަށްވާނަމަ މިބޭކަލަކަށް ބައްލަވާށެވެ.“ މިހެން ހަދީޘްފުޅު ކުރައްވަމުން މާތްނަބިއްޔާ އެމަޖިލީހުގައި އިންނެވި ބޭކަލަކަށް އަތްޕުޅުން އިޝާރާތްކުރެއްވިއެވެ.
އޭރު އެމަޖިލީހުގައި މާތްﷲ ރުއްސުންލެއްވި އަބްދުﷲ އިބުނު އައްބާސް ވަޑައިގެން އިންނެވިއެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅުގައި، މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އެއިޝާރާތްކުރެެއްވި ސަހާބީއަށް އެފަދަ މަތިވެރި ނިއުމަތެއް ލިބިވަޑައިގަތުމަށް މެދުވެރިވީ ކޮން ސަބަބަކާ ހުރެތޯ އޮޅުންފިލުއްވުމުގެ ޝައުޤުވެރިކަން އުފެދުނެވެ.
އެހެންކަމުން އެމަޖިލީސް ނިންމަވާފައި ސަހާބީން އެނބުރިވަޑައިގަންނަވަން ފެއްޓެވެމުން އަބްދުﷲ އިބުނު އައްބާސް މާތްނަބިއްޔާ އެއިޝާރާތްކުރެއްވި ސަހާބީގެ ފަހަތްޕުޅުން ވަޑައިގަތެވެ. އަދި އެސަހާބީގެ މެހެމާނަކަށް ވެވަޑައިގަތުމަށް އެދި ސަހާބީ އަރިހުން އެދިވަޑައިގަތެވެ.
ކޮންމެއަކަސް އަބްދުﷲ ބުން އައްބާސް އެސަހާބީގެ މެހެމާނަކަށް ވެވަޑައިގަތުމަށް އެދި އެތައް އުޒުރެއް ދެއްކެވެމުން އެސަހާބީ އެކަމާ އެއްބަސްވެވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ މެހެމާނެއްގެ ގޮތުގައި އަބުދުﷲ އެކަލޭގެފާނުގެ ގެކޮޅަށް ގެންދެވިއެވެ. އެގޮތުން އަބުދުﷲ ތިން ރޭ ވަންދެން މިސަހާބީގެ އަމަލުފުޅުތައް ވަރަށް ގާތުން ބެއްލެވިއެވެ. ނަމަވެސް އެސަހާބީގެ ފަރާތްޕުޅުން އަބުދުﷲ އަށް އެއްވެސް ހާއްސަ ކަމެއްފެނިވަޑައި ނުގަތެވެ. އެހެންކަމުން އަބުދުﷲ މިސަހާބީގެ އަރިހުގައި ދެންނެވިއެވެ.
”އަޚާއެވެ. މާތްންބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ވަނީ ކަލޭގެފާނަކީ ސުވަރުގެ ވަންތަވެރިޔަކު ކަމުގައި ހަދީސްފުޅުކުރައްވާފައެވެ. އެހެން ނަމަވެސް އެހެން ސަހާބީންނާއި ޚިލާފަށް ކަލޭގެފާނު އިތުރަށް ރޭއަޅުކަންކޮށް އެހެނިހެން ހެޔޮ އަމަލުތަށް ކޮށް އުޅުއްވާތަނެއް އަޅުގަނޑަކަށް ނުފެނުނެވެ. ވީ އިރު ސުވަރުގޭގެ އަހުލުވެރިޔަކަށް ވެވަޑައިގަތުމަށްޓަކައި ކަލޭގެފާނު ކޮށް އުޅުއްވަނީ ކޮންކަމެއްހެއްޔެވެ.؟
އަަޅުގަނޑަށް ފާހަނގަ ނުކުރެއްވުނަސް ތިބާ ކޮށްއުޅުއްވާ ޚާއްޞަ ހެޔޮއަމަލެއް ހަނދުމަފުޅު ވޭހެއްޔެވެ؟“ އެހިނދު އެސަހާބީ ކުޑައިރުކޮޅަކު ވިސްނާވަޑައިގަންނަވަން ހުންނެވުމަށްފަހު އަބުދުﷲ ގެ އަރިހުގައި ދެންނެވިއެވެ.
”އަޚާއެވެ. ފަހަރެއްގައިވެސް ތިޔަބޭކަލުންނަށް ވުރެ އިތުރަށް އަަލުގަނޑު ކޮށް އުޅޭ އެއްވެސް ހެޔޮ އަމަލެއް ނެތެވެ. އެހެންނަމަވެސް އަޅުގަނޑަށް އެފަދަ ދަރަޖައެއް ލިބުމުގެ ސަބަބަކީ ފަހަރެއްގައި އަޅުގަނޑު އެހެންމީހުންނާއި މެދު ސާފު ހިތެއް ގެންގުޅުން ކަމަށް ވެދާނެއެވެ.
އަޅުގަނޑު ކޮންމެ ރެއަކުވެސް ނިދަންއޮށޯއްނަނީ އަޅުގަނޑުގެ އެކުވެރިންނާއި މެދު ވަރަށް ސާފު ހިތެއް ބާއްވައިގެންނެވެ. އެމީހުންގެ ކިބައިން ފެންނަ ގޯސް ސިފަތަކަށް މާފު ކޮށް އަބަދުވެސް އަޅުގަނޑުގެ ހިތުގައި ބަހައްޓަނީ އެމީހުންގެ ރަނގަޅު ސިފަތަކާއި އަމަލުތެކެވެ. އަޅުގަނޑަށް އެފަދަ ދަރަޖައެއް ލިބުގެ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ.
އެހިނދު އިބުނު އައްބާސް ދެންނެވިއެވެ. ”އާނއެކެވެ. ތިޔަވިދާޅުވީ ތެދުފުޅެކެވެ. ތިޔަސިފަފުޅަކީ ހަމަ ޔަގީނުންވެސް ތިބާ ސުވަރުގެ ވެއްދެވުމުގެ ތަޅުދަނޑިއެވެ”
މަސްދަރު:- އަރަފާތު ކޭ އެލް އާޝީ ލިޔުއްވާފައިވާ ”Luminaries of Islam“ ފޮތުންނެވެ.











