22 ޖޫން 2021 ވަނަ ދުވަހު މަރާލުމަށް ފަހު ފޮށްޓަކަށް ލައި މޫދަށް އެއްލައިލައިފައި އޮތް 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާދަމާ ރާއްޖެ ގެންނާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާ ނިމިފައިވާ ކަމަށާއި މާދަމާ އެކުއްޖާގެ ހަށިގަނޑު މާލެ ގެންނާނެކަމަށެވެ.
ޖުލައި 5ވަނަ ދުވަހު ޕޯސްޓްމޯޓަމް ހަދަން އިންޑިޔާއަށް މިކުއްޖާގެ ހަށިގަނޑު ފޮނުވާލެވުނީ އާއިލާގެ ރުހުމާއެކުގައެވެ.
ޕޯސްޓްމޯޓަމް ހަދަން ފޮނުވުނީ ކުއްޖާ މަރުވެފައި އޮތްވާ ފެނުނުތާ 19 ދުވަސް ފަހުންނެވެ. ކޮވިޑް-19 އާ ހެދި އޮފިސްތައް ބަންދުވުމުން ނިންމަން ޖެހޭ ރަސްމީ ލިޔުންތައް ނުނިމި ލަސްވުމާއި ގުޅިގެން ކުއްޖާގެ ހަށިގަނޑު ނުފޮނުވި ލަސްވީކަމަށް ފުލުހުން ވިދާޅުވިއެވެ.
އުމުރުން 13 އަހަރުގެ މިކުޑަކުއްޖާ ގެއްލިގެން ހޯދަނިކޮށް ފުލުހުންނަށް ފެނިފައިވަނީ މަރާލުމަށްފަހު ފޮށްޓަކަށް ލާފައި ހުޅުމާލޭ ފޭސް 2 ކައިރީ މޫދަށް އެއްލާލާފައި އޮތްވައެވެ. މިމައްސަލައިގައި ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ.









